އަންނަ ބުރާސްފަތި ދުވަހު ސްރީލަންކާގައި އޮންނަ ރިޔާސީ އިންތިހާބާ ދިމާކޮށް ޖެފުނާ ސަރަހައްދަށް ލަންކާ ސިފައިން ފޮނުވަނީ ތަމަޅައިން ވޯޓުލުމަށް ބިރު ދެއްކުމަށް ކަމަށް އިދިކޮޅު ލީޑަރު ރަނިލްވިކްރަމަ ސިންހާ ވިދާޅުވެއްޖެ އެވެ.

ރަނިލް އިއްޔެ ވަނީ ކަލަމްބޯގައި ޑިޕޮލަމޭޓުންނާއި ނޫސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި އޭނާއާ ހަވާލާދީ އިންޑިއާގެ ހިންދޫ ނޫހުން ބުނީ ރައީސް ރާޖަޕްކްސާ ބަލި ކުރުމަށް އިދިކޮޅު ޖޮއިންޓް ޕާޓީން ގަދައަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ތަމްރީނުތައް ހިންގުމުގެ ނަމުގައި ވޯޓުލާ ސަރަހައްދުތަކުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެއީ މީހުން ވޯލާން ނުކުތުމަށް ބިރުދެއްކުމަށް ހިންގާ އަމަލެއް ކަމަށެވެ. ރަނިލް ވިދާޅުވީ ބުރާސްފަތި ދުވަހު އޮންނަ އިންތިހާބު އެއްވެސް މާނައެއްގައި އެއީ މިނިވަން އިންތިހާބަކަށް ނުވާނެ ކަމަށެވެ.

ކުރީގެ ބޮޑުވަޒީރު ރަނިލްއަކީ އިދިކޮޅު ކެންޑިޑޭޓް މައިތިރި ޕާލާ ސިރިސޭނާގެ އެންމެ ބޮޑު މަދަދުގާރެވެ. ރަނިލް ވިދާޅުވީ ރައްޔިތުން ބަދަލަކަށް ބޭނުންވެފައިވާ ކަމަށާއި އެ ބަދަލު ގެނައުމަށް ބުރާސްފަތި އޮންނަ އިންތިހާބުގައި ވޯޓު ލުމަށް މީހުން ނުކުންނާނެ ކަމަށެވެ.

ހަފްތާއަކަށް ކައިރިވެފައިވާ އިންތިހާބީ ރޭސް ވާދަ ވެރިވާނެ ކަމަށާއި އަދި ރައީސް ރާޖަޕަކްސާ އާއި ސިރިސޭނާ އާ ދެ ބޭފުޅުންގެ ތެރެއިން ކޮންމެ ބޭފުޅަކު އިންތިހާބު ކާމިޔާބު ކުރެެއްވިއަސް، އިންތިހާބު ކާމިޔާބު ކުރެވޭނީ ވަރަށް ކުޑަ ތަފާތަކުން ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ. ކެންޑީގައި ހުކުރު ދުވަހު ބޭއްވި ކެމްޕޭން ރެލީއެއްގައި ރާޖަޕަކްސާ ވާހަކަ ދެއްކެވީ ވަރަށް އުންމީދާ އެކު އެވެ. އަދި ވިދާޅުވީ "ބުރާސްފަތި ދުވަހު އޮންނަ އިންތިހާބު ކާމިޔާބުވާނެކަން ކަށަވަރު"ކަމަށެވެ.

ކެމްޕޭންގެ ފަހު ދުވަސްކޮޅަށް ގުނެމުން އަންނަ އިރު، ހައި އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނަންދިމިތިރާ އެކަނަޔަކާ ވަނީ ސަރުކާރުން އިސްތިއުފާ ދެއްވައި އިދިކޮޅު ކެންޑިޑޭޓް ސިރިސޭނާ އަށް ތާއީދު ކުރެއްވުމަށް އިއްޔެ ނިންމަވައިފަ އެވެ.

"އަހަރެން ސަރުކާރުން އިސްތިއުފާ ދެނީ ރައްޔިތުންނަށް އުފާވެރި މުސްތަގުބަލެއް ހޯދައި ދިނުމަށް ފުރުސަތު ތަނަވަސްކޮސްދިނުމަށް." އެކަނަޔަކާ ވިދާޅުވި އެެވެ.

ރައީސްގެ ކައުންސިލް މެމްބަރު އަދި އިންވެސްޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފައިޒާ މުސްތަފާ ވެސް ވަނީ ސަރުކާރުން ވަކިވެ އިދިކޮޅު ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

މރ. އެކަނަޔަކާ ސަރުކާރުން ވަކިވެވަޑައިގަތުމުން ގާނޫނު ހަދާ މަޖިލީހުން އިދިކޮޅު ޕާޓީއާ ގުޅިވަޑައިގަތް މެމްބަރުންގެ އަދަދު ވަނީ 25 އަށް އަރައިފަ އެވެ.