އަފްގާނިސްތާނު ސިފައިން ދިން މޯޓަރު ބަޑީގެ ހަމަލާތަކެއް ކައިވެނި ހަފްލާއަކަށް އަމާޒުވެ، 26 މީހުން މަރުވެއްޖެ އެވެ.

އަފްގާނިސްތާންގެ ހެލްމަންޑް ޕްރޮވިންސްގައި އިއްޔެ ހިނގި އެ ހާދިސާގައި މަރުވެފައިވާ މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 41 މީހަކަށް އަނިޔާވެފައިވެފައިވާ ކަމަށް މީޑިއާތައް ބުނެ އެވެ.

ހަލްމަންޑް ޕްރޮވިންސްގައި ހަރަކާތްތެރިވާ އަފްޣާން ސިފައިންގެ ޑެޕިއުޓީ ކޮމާންޑަރު ޖެނެރަލް މަހްމޫދާ ހަވާލާދީ އަލްޖަޒީރާ ބުނީ ކައިވެނި ހަފްލާ ބޭއްވި ސަރަހައްދަށް ސިފައިންގެ ތިން ޓަވަރަކުން ހަމަލާދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ގަސްދުގައި ދިން ހަމަލާތަކެއް ކަމަށް އަދި ނޭންގޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"އެ މައްސަލައިގެ ތަހުގީގެއް މިހާރު ވަނީ ފަށާފަ. އަދި އެކަންކުރި ބަޔަކަށް އަދަބު ދޭނަން،" ޖެނެރަލް މަހްމޫދު ވިދާޅުވެފައިވެ އެވެ.

އެ ހާދިސާ ހިނގާފައި މިވަނީ، އެމެރިކާ އިސްނަގައިގެން އަފްގާނިސްތާނުގެ ތާލިބާނުންނާއި ދެކޮޅަށް ހަނގުރާމަ ކުރަން އުފެއްދި އިންޓަނޭޝަނަލް ސެކިއުރިޓީ އެސިސްޓެންސް ފޯސަސް (އައިސެފް) އިން އަފްގާނިސްތާނުގައި ކުރިއަށް ގެއްދިޔަ އަސްކަރީ ހަރަކާތްތައް ރަސްމީކޮށް ނިންމާލާފައި ވަނިކޮށެވެ.

ނަމަވެސް ތާލިބާނުންނާ ދެކޮޅަށް އަފްގާނިސްތާނުގެ ސަރުކާރުން ކުރަމުން އަންނަ ހަނގުރާމައިގައި ކުރިއަށް އޮތްތާ އެހީތެރިވުމަށް 'ރިސޮލިއުޓް ސަޕޯޓް'ގެ ނަމުގައި އެ ގައުމުގައި ވަނީ އަފްގާނިސްތާނުގެ ފުލުހުންނާއި ސިފައިން ތަމްރީނު ކުރުމުގެ އިތުރުން ތާލިބާނުންނާ ދެކޮޅަށް ހިންގާ ޖާސޫސީ މަސައްކަތްތަކުގައި އެހީތެރި ވުމަށް ބައިނަލްއަގްވާމީ ސިފައިންގެ ކުޑަ ލަޝްކަރެއް މަޑުކުރުމަށް ހަމަޖައްސާފަ އެވެ.