ކުއްލިއަކަށް ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ހާދިސާތަކުގެ ސަބަބުން ސްރީލަންކާގައި ފާއިތުވި ދެ ހަފުތާ ތެރޭގައި 39 މީހުން މަރުވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

ސްރީލަންކާ ޑިޒާސްޓަ މެނޭޖްމެންޓް ސެންޓަރާ ހަވާލާދީ ރޮއިޓާސް އިން ބުނީ އެފަދަ ހާދިސާތަކުގެ ސަބަބުން މަރުވި މީހުންގެ އިތުރުން ދެ މީހުން ގެއްލި، 20 މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވާ އެ ހާދިސާތަކުގެ ސަބަބުން މިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށެވެ.

ފާއިތުވި ދެ ހަފުތާ ތެރޭގައި ސްރީލަންކާގެ އުތުރާއި މެދުތެރެއަށް ކުރި ވިއްސާރައިގައި އެތައް ހާސް ހެކްޓަރެއްގެ ދަނޑުފަނގު ވެސް ވަނީ ހަލާކުވެފަ އެވެ.

ސްރީލަންކާގައި މިދިޔަ އޮކްޓޯބަރު ވިއްސާރައިގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގި އެވެ. އެގޮތުން ފަރުބަދަމަތީ ސައިފަތް ހައްދާފައިވާ ސަރަހައްދެއްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 16 މީހުން މަރުވެ، 100 މީހުން ގެއްލުނެވެ.

ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހާއި އޮކްޓޯބަރު މަހު ސްރީލަންކާ އަށް ވިއްސާރަ ކުރެ އެވެ. ނަމަވެސް ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކަކީ އެގައުމަށް އާއްމުކޮށް ކުރިމަތިވާ ކަމެއް ނޫނެވެ.