ޕެރިސް (ޖަނަވަރީ 2) : ސީރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ ފާއިތުވި އަހަރު 76،000 މީހުން މަރާލާފައިވާ ކަމަށާއި މިއީ އެންމެ ގިނަ އަދަދަކަށް ސޫރިޔާގައި މީހުން މަރާފައިވާ އަހަރު ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެގައުމުގެ މުސްތަގިއްލު ޖަމްއިއްޔާއަކުން ހާމަކޮށްފި އެވެ.

"ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" އިން ބުނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ 2014 އަހަރު، ހަތްދިހަ ހަ ހާސް އެކާވީސް މީހުން މަރާލާފައިވާކަން ކަށަވަރުކޮށް އެއަދަދު އެޖަމްއިއްޔާގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމުގައެވެ. ތިން އަހަރާއި ހަތް މަސްވެފައިވާ ސީރިޔާގެ ދާޚިލީ ހަނގުރާމައަކީ މިފަހަކަށް އައިސް ދުނިޔެއިން ފެންނަމުންދާ އެންމެ ބޮޑު ގަތްލުއާންމު ކަމަށް ވަނީ ސިފަކުރެވިފަ އެވެ.

"ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" ޖަމްއިއްޔާއަކީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ މަރާލެވެމުންދާ މީހުންނާއި ޒަޚަމްވަމުންދާމީހުންގެ އަދަދު ބަލައި އެކަން ރަޖިސްޓްރީ ކުރުމުގައި އެންމެ ގާތުން އަދި އެންމެ އިތުބާރު ހުރިގޮތެއްގައި ހަރަކާތްތެރިވަމުންދާ ފަރާތެކެވެ. މިޖަމްއިއްޔާ އިން އިއްޔެ ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން 2014 ވަނަ އަހަރު، ސީރިޔާގައި 70،021 މީހުން މަރާލާފައިވާ އިރު މީގެ ތެރޭގައި 17،790 އާންމުންނާއި ސަރުކާރު ސިފައިންނާއި ސަރުކާރަށް ތާއީދުކުރާ މިލީޝިޔާތަކުގެ 22،627 މީހުންނާއި ސަރުކާރާ އިދިކޮޅު 32،000 ހަނގުރާމަވެރިން ހިމެނެ އެވެ.
ސަރުކާރާ އިދިކޮޅު 32،000 ހަނގުރާމަވެރިންގެ ތެރެއިން 17،000 ހަނގުރާމަވެރިންނަކީ ހަރުކަށި ޖަމާއަތްތައް ކަމަށްވާ އައިއެސް ޖަމާއަތާއި އައްނުސްރާފަދަ ޖަމާއަތަށް ނިސްބަތްވާ ހަނގުރާމަވެރިންނެވެ. މިދެ ޖަމާއަތުގެ ހަނގުރާމަވެރިންގެ ތެރޭގައި ގިނަ އަދަދަކަށް ބޭރު މީހުން ހިމެނޭކަން "ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" އިން ފާހަގަކޮށްފައިވެ އެވެ. ފާއިތުވި އަހަރު ސީރިޔާގައި މަރާލާފައިވާ އާންމުންގެ 17،790 މީހުންގެ ތެރޭގައި 3،500 ކުޑަކުދިން ހިމެނޭއިރު މަރާލާފައިވާ އަންހެނުންގެ އަދަދު ހަ ހާހަށް އަރަ އެވެ. ދެހާސް އެގާރަވަނަ އަހަރުގެ މާޗް މަހު ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ފެށުނު އިދިކޮޅު ހަރަކާތްތައް ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައަކަށް ބަދަލުވެގެންދިޔައީ އެކަމުގެ ތެރެއަށް ބައެއް އަރަބި ގައުމުތަކާއި ހުޅަނގުގެ ބައެއް ގައުމުތައް ވަނުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވަނީ ބެލެވިފަ އެވެ.
ތިންއަހަރާއި ހަތް މަސްވެފައިވާ ސީރިޔާގެ ދާޚިލީ ހަނގުރާމާގާ މިހާތަނަށް އެއްލައްކަ ނުވަދިހަ އެއްހާހަށްވުރެ ގިނަމީހުން މަރާލަފައިވާ ކަމަށް އދ. ން ބުނާއިރު މިއަދަދު ދެލައްކައަށް ވުރެ މަތި ކަމަށް "ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" އިން ބުނެ އެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމައިގާ ދެހާސް އެގާރަ ވަނަ އަހަރު 7841 މީހުން މަރާލާފައިވާ އިރު 2012 ވަނަ އަހަރު 49،292 މީހުން މަރާލާފައިވެ އެވެ. އަދި 2013 ވަނަ އަހަރު 73447 މީހުން މަރާލާފައިވެއެވެ. (އަލްޖަޒީރާ)