ސްރީލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބަށް އެ ޤައުމުތައްޔާރުވަމުންދާއިރު ރައީސް މަހިންދަ ރާޖަޕަކްސަ އަށް އިންތިޚާބު ކާމިޔާބުކުރެއްވުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސްރީލަންކާގެ ސިޔާސީ މަޞްރަހް ދިރާސާކުރަމުންދާ ފަރާތްތަކުން ޙަވާލާދީ ތައްޔާރުކޮށްފައިވާ މި ރިޕޯޓްތައް ބުނާގޮތުން ރާޖަޕަކްސެގެ ސަރުކާރުގެ އިސް ބައެއް މަސްއޫލުވެރިންނާއި އެނާގެ ޕާޓީގެ ބައެއް އިސް ފަރާތްތައް އިދިކޮޅު ކެންޑިޑޭޓާއި ގުޅެމުންދިޔުމަކީ އިންތިޚާބު ކާމިޔާބު ކުރުމަށް ރާޖަޕަކްސައަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ.

ރާޖަޕަކްސައާ ވާދަކުރައްވާ އިދިކޮޅު ކެންޑީޑޭޓް މައިތިރިޕަލަ ސިރިސޭނާއަކީ ވެސް ރާޖަޕަކްސަގެ ސަރުކާރުގެ ވަޒީރެއްގެ މަގާމުގައި ހުންނަވާފައި މީގެ ދެމަހެއްހާ ދުުވަސްކުރިން ވަކިވެވަޑައިގެން ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅެކެވެ. ސިރިސޭނާ އަށް ތަމަޅައިންނާއި މުސްލިމުންގެ ތާއީދު ވެސް ލިބިފައިވާ އިރު ސިޔާސީ ކުދި އެ ތައްޕާޓީއަކުން ވެސްވަނީ އޭނާ އަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ. މީގެ އިތުރުން ސްރީލަންކާގެ ޕާލަމެންޓްގެ ގިނަ އަދަދެއްގެ މެންބަރުން ވެސް ވަނީ ރާޖަޕަކްސަގެ ޕާޓީން ވަކިވެ ސިރިސޭނާއަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ. މުރާސިލުން ބުނާ ގޮތުގައި މިއީ ރާޖަޕަކްސައަށް ކުރިމަތިވެ ވަޑައިގަންނަވާނެ ފޫނުބެއްދޭ ވަރުގެ ގެއްލުމެކެވެ.

ސްރީލަންކާގެ ސިޔާސީ މަސްރަހުގައި ފިޔަޖަހާ ޕާޓީތަކާއި ޖަމާއަތްތަކަށް ބަލާއިރު ރަޖަޕަކްސައަށް ތާއީދު ކުރާކަން މިހާތަނަށް ހާމަކޮށްފައި ވަނީ، ބުޑިސްޓުންގެ ހަރުކަށި ޚިޔާލުގެ ޖަމާއަތެއް ކަމަށްވާ "ބޮޑު ބަލަ ސޭނާ" ޖަމާއަތް އެކަންޏެވެ. މިއީ ރާޖަޕަކްސައަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދެވޭ ވަރުގެ ޖަމާއަތެއް ނޫނެވެ. ނަމަވެސް ސްރީލަންކާގެ ސިންގަޅަ ޒުވާނުންގެ މެދުގައާއި މެދުފަންތިއާއި ފަގީރުންގެ މެދުގައި ރާޖަޕަކްސަގެ ތާއީދުބޮޑުކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ވަނީ ހާމަވެފަ އެވެ.
ރިޔާސީ އިންތިޚާބަށް ހަފްތާއަކަށް ވެފައިވާއިރު ރާޖަޕަކްސައާއި ސިރިސޭނާ ވެސް ގެންދަވަނީ ވަރުގަދައަށް ކޭންޕޭންގެ ހަރަކާތްތައް ހިންގަވަމުންނެވެ. ސިރިސޭނާ އަށް ތާއީދުކުރާ ފަރާތްތަކުންވަނީ ކެންޕޭންގައި ރާޖަޕަކްސަ ސަރުކާރުގެ ވަސީލަތްތަކާއި މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކޮށްފަ އެވެ. (ނޫސްއެޖެންސީތައް)