01 Jan 2015, 23:15
ގދ. ގައްދޫ ޕޮލިސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް މަރުގެ އިންޒާރުދީ ޕޮލިސްޓޭޝަންގައި ރޯކޮށްލާނެ ކަމުގެ އިންޒާރުދިން މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ގައްދޫގައި މަސައްކަތް ކުރާ ފުލުހުންނަށް މަރުގެ އިންޒާރުދިން މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ މީހެއް ކަމަށެވެ. އަދި ގައްދޫ ޕޮލިސްޓޭޝަންގައި ރޯކޮށްލާނެ ކަމުގެ އިންޒާރުދިން މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ތެރެއިން 23 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު 6:00 އެހައިކަންހާއިރު ކަމަށާއި 20 އަހަރުގެ މީހާ ހައްޔަރުކުރީ ރޭ ފަތިހު 4:00 ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި 23 އަހަރުގެ މީހާއަކީ މަސްތުވާތަކެއްޗާއި ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ގްރޫޕްމާރާމާރީ ހިންގުމުގެ ރިކޯޑްސް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި 20 އަހަރުގެ މީހާއަކީ މަސްތުވާތަކެއްޗާއި ގްރޫޕްމާރާމާރީ އާއި ދައުލަތުގެ މުދަލަށް ގެއްލުންދިނުމާއި ގްރޫޕް މާރާމާރީ ހިންގުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދެ މައްސަލަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
ގައްދޫ ޕޮލިސްޓޭޝަންގައި ހުޅުޖަހާނެ ކަމުގެ އިންޒާރުދީފައިވާއިރު، އެއަތޮޅު ތިނަދޫ ޕޮލިސްޓޭޝަންގައި 8 ފެބްރުއަރީ 2012 ވަނަ ދުވަހު ވަނީ ހުޅުޖަހައި އަންދާލާފައެވެ. އެ މައްސަލައިގެ ތުހުމަތުގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ގައްދޫއަށް ނިސްބަތްވާ ދެ މީހަކު ވެސް ހިމެނެއެވެ.