05 Feb 2011, 08:47
ފޯރިގަދަ ކެމްޕެއިނަކަށް ފަހު މާ ބޮޑު ފޯރިއެއް ނެތި ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެ އެވެ.
މިއަދު ހެނދުނު 8:00 ގައި ހުރިހާ މަރުކަޒު ތަކެއްގައި ހެން ވަނީ ވޯޓުލާން ފަށައިފައި ވީ ނަމަވެސް މާލެ އާއި ބައެއް އަތޮޅުތަކުގައި ވޯޓުލުން ފެށީ ކުޑައިރުކޮޅެއް ފަހުންނެވެ. އެ ތަންތަނުގައި ވޯޓުލާން ފެށުން ލަސްވީ ބައެއް އިދާރީ މައްސަލަތަކާ ގުޅިގެން ކަމަށް އިލެކްޝަންސް އިން ބުނެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި ރަށު ކައުންސިލް އިންތިޚާބުގައި ޖުމްލަ 1،091 މީހުން އިންތިހާބު ކުރަންޖެހެ އެވެ. އެއީ 481 ދާއިރާގައި އުފައްދާ 881 ރަށު ކައުންސިލަށް 249 މެންބަރުންނާއި 19 އަތޮޅުގެ އަތޮޅު ކައުންސިލްތަކަށް 231 މެމްބަރުންނާއި މާލޭ ސިޓީ ކައުންސިލަށް 11 މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލަށް ހަ މެމްބަރުންނެވެ.
ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން މި އިންތުހާބުގައި 4572 ކެންޑިޑޭޓުން ވާދަކުރެ އެވެ.
މާލޭ ރައްޔިތުން ވޯޓު ލުމަށް މާލޭގައި ބަހައްޓާފައި ހުރި 84 ފޮށީގެ އިތުރުން މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 86 ފޮށި ވަނީ ބަހައްޓައިފަ އެވެ. އަދި ރަށްރަށުގައި 972 ފޮށި 71 ރިސޯޓެއްގައި 71 ފޮށި ބަހައްޓާފައި ވާއިރު ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ދެ ގައުމުގެ ތެރެއިން އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީ ލަންކާގެ ކޮލަމްބޯގައި ދެ ފޮށި ވަނީ ބަހައްޓައިފަ އެވެ.
މިފަހަރުގެ އިންތިޚާބުގައި ވެރިކަން ކުރާ އެމްޑީޕީ އާއި އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީއާ ދެމެދު ވާދަވެރިކަން ބޮޑުވެގެން ދިޔައިރު ފެންމަތިވި އެންމެ ބޮޑު މައްސަލައަކީ އައްޑު އަށް ސިޓީއެއްގެ ދަރަޖަ ދިނުމެވެ.
ތަފާތު ގޮންޖެހުންތައް ކުރިމަތިލި މައްސަލަ ކޮޅެއްގައި ޖެހުނީ އައްޑޫގައި ސިޓީ ކައުންސިލް ބޭއްވުމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.
ސުޕްރީމް ކޯޓުގެ އަމުރާ އެކު ކޮމިޝަނުން ވަނީ ކުރިއެކޭ ވެސް އެއްގޮތަށް އައްޑޫގައި ސިޓީ ކައުންސިލް އިންތިޚާބެއް ބާއްވަން ނިންމާފަ އެވެ.
އިއްޔެ ހަވީރު ހައެއް ޖެހުމާއެކު ކެމްޕެއިން ނިންމާލުމާ އެކު ބައެއް ރަށްރަށުގައި ވަނީ ވޯޓު ލާން ކިޔޫ ހަދާފަ އެވެ.
ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން މިއަދު ހަވީރު 4:00 އާ ހަމަ އަށެވެ.