01 Jan 2015, 21:28
ރައްޔިތުން އުންމީދާ އެކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރާ މެންބަރުންގެ ކިބައިން އުފާވެރިކަމެއް ފެންނާނީ މަދުފަހަރަކު އެވެ. ގިނަ ފަހަރު އެެމެމްބަރުންނާ ނިސްބަތްކޮށް ރައްޔިތުންގެ ބުނާނީ އެއީ "ވޯޓު ހޯދަންވީމާ ފެންނަ ބައެއް" ކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރު ނިމިގެން މިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު ވެގެންދިޔައީ މަސައްކަތުގެ ރޭޓުގައި ފާހަގަކޮއްލެވުނު ތިންދައުރަށެވެ. މެންބަރުންގެ މަސައްކަތާއި މަޖިލީހުގެ މަސައްކަތް "ވިދާލި" އަހަރެއްގެ ގޮތުގައި އެއަހަރުގެ ވެގެން ދިޔަ އެވެ. މިގޮތުން މަޖިލީހުގެ ބުރަ މަސައްކަތުގެ ތެރެއިން "ފިޔަޖެހިި" އެއްތަރިއަކީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު، އަދި ރައޔްިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާފައްނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. މަޖިލީހުގެ ބައެއް ކޮމިޓީތަކުގައި މުގައްރިރުކަން ކުރައްވަމުން މަޖިލީހުގެ ތަޅުމުގައި ވެސް ހަރުދަނާ ވާހަކަފުޅުތަކެއް ދެއްކެވި މެންބަރެއްގެ ގޮތުގައި ނިހާން ފާހަގަކުރެވިގެން ދިޔަ އެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ސިޔާސީ ދާއިރާ އިން ޒުވާނުންނަށް ދެއްވި ފުރުސަތުގެ ބޭނުން ހިއްޕަވައި ނިހާން ސިޔާސީ މަސައްކަތް ފެއްޓެވީ 2005 ވަނަ އަހަރު އެވެ. މައުމޫނު އޭރު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީން ޒުވާނުންނަށް ދެނީ ކިހާވަރެއްގެ ފުރުސަތެއްތޯ ބަލާލަން ދިޔަ މީހެއްގެ ހައިސިއްޔަތުން ކާނި ހިޔާ އަށް ދިޔަ ދިއުން އެއީ ސިޔާސީ ހަޔާތަށް ހުޅުވުނު "ދޮރެއްގެ" ގޮތުގައި އޭނާ ފާހަގަކުރައްވަ އެވެ.
"އަޅުގަނޑަކީ 2005 ވަނަ އަހަރު ސަރުކާރުގެ އެއްވެސް މީހަކު ދަންނަ މީހެއް ނޫން، ރައީސް މައުމޫނު ވެސް ގާތުން އަދި ދުރުން ވެސް ދަންނާނެ މީހެއް ނޫން، ނަމަވެސް ޑީއާރުޕީ އުފެއްދުމުގައި، ޒުވާނުން ބައިވެރިކުރަނީ ކިހާވަރަކަށްތޯ ބަލާލަން ދިޔަ މީހެއް އަޅުގަނޑަކީ، ދައުވަތެއް އޮވެގެނެއްވެސް ނޫން ދިޔައީ،" ނިހާން ވިދާޅުވި އެވެ.
އެހާ ހިސާބުން ފެށިގެން ދިޔަ ނިހާންގެ ސިޔާސީ ހަޔާތްޕުޅުގައި ވަރަށް ގިނަ މަރުހަލާތަކެއް ވަނީ ކަޑައްތު ކުރައްވާފަ އެވެ. ވޭތުވެ ދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ނިހާން ވަނީ ވިލިމާފައްނު ދާއިރާ ތަމްސީލު ކުރައްވާފަ އެވެ. އަދި 18 ވަނަ މަޖިލީހުގައިިި ނިހާންއަކީ ވިލިމާފަންނު ދާއިރާގެ މެންބަރުގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ.
ނިމިދިޔަ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ނިހާން ފާހަގަކޮށްފައި ވަނީ ބުރަ މަސައްކަތުގެ ކާމިޔާބު އަހަރެއްގެ ގޮތުގަ އެވެ. މަޖިލީހުގެ މި އަހަރުގެ މަސައްކަތާ ގުޅޭ ގޮތުން 'ސަން' އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ މަޖިލީހުގެ މަސައްކަތުގެ 96 އިންސައްތަ ކާމިޔާބު ކުރެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
ކުރެވުނު އެންމެ ބުރަ މަސައްކަތެއްގެ ގޮތުގައި ނިހާން ފާހަގަކުރައްވާފައި ވަނީ 2015 އަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތެވެ. ބަޖެޓް ކޮމިޓީ ކުރިއަށް ދިޔައިރު މުގައްރިރެއްގެ ގޮތުގައި ބުރަ މަސައްކަތެއް ކުރެވި ނިހާން އަކީ މީގެ ކުރިން ބަޖެޓް ކޮމިޓީގެ އެެއްވެސް ތަޖުރިބާއެއް ކުރައްވާފައި ނުވާ މެންބަރެކެވެ.
"އިގްތިސާދީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީއާ އެކުވެގެން އުފައްދާ ބަޖެޓް ކޮމިޓީގައި މީގެ ކުރިން ދައުރެއް އަދައެއް ނުކުރަން، އަދި ބަޖެޓް ކޮމިޓީ ހިނގާ ދިޔަގޮތުގެ ތަފްސީލު މައުލޫމާތެއް ނެތް، މާނައަކީ ވޭތުވެ ދިޔަ ފަސް އަހަރު މަޖިލީހުގައި މަސައްކަތް ކުރިއަށް ގެންދިޔަ އިރު، ބަޖެޓް ކޮމިޓީގައި ބައިވެރިވެވިފައެއް ނެތް،." ނިހާން ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި ފާސްކުރި އެންމެ ބޮޑު ބަޖެޓްގެ ގޮތުގައި 24.3 ބިލިއަން ރުފިޔާގެ ބަޖެޓް، ޕާޓީތަކުގެ މަސްލަހަތު ފުށު ނާރާ ގޮތަށް ނިންމާލެވުމަކީ ބޮޑުހިތް ހަމަ ޖެހުމެއް ކަމަށް ނިހާން ވިދާޅުވި އެވެ. ބަޖެޓްގެ މަސައްކަތް ކުރުމަށް ހޮއްވެވި ކޮމިޓީން ވަނީ ޖުމްލަ 18 ބައްދަލުވުމެއް ބާއްވައި 32 ގަޑިއިރު މަސައްކަތުގައި ހޭދަކުރައްވާފަ އެވެ. ބަޖެޓްގެ މަސައްކަތުގައި ހޭދަކުރެވުނު ކޮންމެ ވަގުތަކީ ލިބުނު ކުރިއެރުމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ބަޖެޓްގެ އިތުރުން ވެސް މިފަހަރުގެ މަޖިލީހުގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށް މަސައްކަތުގެ ރޭޓް ދެގުނަ ކޮށްފަ އެވެ. އެގޮތުން ހިޔާލުފާތުވުން ތަކަކާ އެކު ފާސްކުރެވިގެން ދިޔަ، ސުޕެޝަލް އިކޮނޮމިކް ޒޯންގެ ބިލްވެސް ހިމެނޭ ގޮތަށް ޖުމްލަ 32 ބިލް މަޖިލީހުން ފާސްކޮށްފައިވެ އެވެ. ފާސްކުރުމަށް ކަނޑައެޅި ބިލުތަކުގެ ތެރެއިން ޖިނާއީ އިޖުރާއަތުގެ ބިލް ފިޔަވައި އެހެން ހުރިހާ ބިލެއް ފާސްކުރެވިފައި ވާކަމީ ކާމިޔާބެއް ކަމަށް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.
"ޖިނާއީ އިޖުރާއަތުގެ ބިލް ނިންމާ ނުލެވުނީ ބިލްގައި ހިމެނޭ ބައެއްކަހަލަ ކަންތައްތަކާ ބެހޭ ގޮތުން، ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން، ބިލަށް ކޮމެންޓް ކޮށްލުމަށް ޓަކައި ވަގުތުކޮޅެއް ބޭނުންވާ ކަމަށް ވިދާޅުވީމަ، އެކަމަށް ޓަކައި އަޅުގަނޑުމެން ބިލް ޕާކުކޮށްލީ" މިދިޔަ ހަފްތާ "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވި އެވެ.
އެހުރިހާ ބިލްތަކެއް ފާސްކުރެވިގެން ދިއުމާ އެކު މަޖިލީހާ މެދު ގިނަ ބަޔަކު ދެކެމުން އައިގޮތް ވަނީ ބަދަލުވެފަ އެވެ. ގިނަ ފަހަރު އާންމުން، މަޖިލިސް ފާހަގަކުރަނީ މެންބަރުން "ބޭކާރު" ވާހަކަ ދައްކަން ދާ ތަނެއްގެ ގޮތުގަ އެވެ. ގިނަފަހަރު ކަންވެފައި އޮއްނަނީވެސް އެހެނެ ނެވެ. ބިލަކަށް ވާހަކަދެއްމަށް ދެވޭ ފުރުސަތުގައި ބިލުގެ މައުލޫގެ ތެރެއިން ވާހަކަ ދައްކާ މެންބަރުން މަދުވާނެ އެވެ. ނަމަވެސް ނިމިދިޔަ އަހަރު މަޖިލީހުގައި އެ އަޑުތަކުގެ އިވުން މަދުވެގެން ދިޔަ އެވެ. ކަންވި މަންޒަރު ފެނިގެން ދިޔަ އެވެ. ގިނަ ބިލުތަކެއް ފާސްވެ، މަސައްކަތުގެ "ސްޕީޑް" އަވަސްވެގެން ދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން 2013 ވަނަ އަހަރާ އަޅާ ބަލާ އިރު މަސައްކަތް ވަނީ 54 އިންސައްތަ ކުރިއަށް ޖެހިލާފަ އެވެ.
"އަޅުގަނޑު އާންމުކޮށްބަލަން އެ ދެކެވޭ ވާހަކައަކީ ބޭނުންތެރި އަދި ރެކޯޑަށްޓަކައި ރައްކާ ކުރެވޭނެ ވާހަކައަކަށް ވާތީވެ، ވީހާވެސް ބޮޑަށް ބިލަކަށް ހަޖޫ ޖެހުމުގެ ބަދަލުގައި، އެ ބިލެއްގެ ވެށީގެ ތެރޭގައި ވާހަކަ ދެއްކޭތޯ" ނިހާން ވިދާޅުވި އެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު މެޖޯރިޓީ ލީޑަރު ފާހަކޮށްފައި ވަނީ، "މުޅިން އާ ތަޖުރިބާއެއް، ބުރަ މަސައްކަތުގެ ކާމިޔާބު އަހަރެއް" ގެ ގޮތުގަ އެވެ.