މަސްތުވާތަކެތި ކަމަށް ބެލެވޭ ބައެއް ތަކެއްޗާއި ބަނގުރަލާއެކު ފަޅުރަށަކުން 19 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އދ. އަތޮޅުގެ ފަޅުރަށެއްގައިގައިވާ އދ. ރަށްދިއްގާ އިން މަސްތުވާތަކެއްޗާއި ބަނގުރަލާ އެކު ހައްޔަރުކޮށްފައި ވަނީ 18 އަހަރާއި 27 އަހަރާ ދެމެދު އުމުރުފުރާގެ ދިވެހި ފިރިހެނުން ކަމަށެވެ.

އެ އެންމެން ހައްޔަރުކޮށްފައި ވަނީ އެ ފަޅުރަށުގައި ގިނަ އަދަދެއްގެ ބަޔަކު މަސްތުވާތަކެތި ބޭނުންކުރަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ރޭ ދަންވަރު 1:30 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި ބަނގުރާ ފެނިފައިވަނީ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޯޓު އަމުރެއްގެ ދަށުން އެރަށް ބަލައި ފާސްކުރުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ރަށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބުލެޓް ސައިޒްގެ ތިން ސެލޯފިން ކޮޅާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި އަށް ސެލޯފިން ކޮޅާއި މަސްތުވާތަކެތި އެއްކޮށްފައިހުރި ކަމަށް ބެލެވޭ ސުއްޓާއަކާއި މަސްތުވާތަކެތި އެއްކޮށްފައި ހުރިކަމަށް ބެލެވޭ ދުންފަތް ޕެކެޓަކާއި ބޭނުންކޮށްފައި ހުރި ދެ ފުޅި ބަނގުރަލާއި ނުކަނޑާހުރި 7 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

ހައްޔަރުކުރި 19 މީހުންގެ ކުޑަކަމުދާ ތަކެތި ނަގައި މަލްޓި ޑްރަގް ޓެސްޓް ކަޕް ބޭނުންކޮށްގެން ޓެސްޓް ކުރުމުން އެ މީހުންގެ ތެރެއިން 15 މީހެއްގެ ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް މަހިބަދޫ ކޯޓުން މުއްދަތު ޖަހައިދީފައިވާ ކަމަށެވެ. އެގޮތުން ތިން މީހަކަށް 15 ދުވަސް އަދި13 މީހަކަށް 10 ދުވަހުގެ މުއްދަތު ޖަހާފައިވާއިރު އިތުރު ތިން މީހަކަށް ފަސް ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.