01 Jan 2015, 21:01
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު، އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފުގެ ނަމުގައި ނ. އަތޮޅުގައި ކުރިޔަށް ގެންދާ "ޢަލީ މައުރޫފު އިންވިޓޭޝަނަލް ފުޓުބޯޅަ ޓޯނަމެންޓް"ގެ ފައިނަލަށް މަނަދޫ އާއި ލަންދޫ ހިނގައްޖެ އެވެ.
މި މުބާރާތުގެ ފައިނަލަށް މަނަދޫ ދިޔައީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ކުޑަފަރީ އާ ބައްދަލުކޮށް 3-1 އިން މޮޅުވެގެންނެވެ. އެ މެޗުގެ މޮޅުކުޅުންތެރިޔާ އަށް ހޮވުނީ މަނަދޫ ޓީމުގެ ޖޯޒީ ނަންބަރު 10، މުހައްމަދު ހަލީމް އެވެ. މޮޅު ކުޅުންތެރިޔާ އަށް އިނާމުދެއްވީ ލާވި މައުރޫފު އެވެ.

ލަންދޫ ޓީމު ފައިނަލަށް ދިޔައީ މިއަދު ހަވީރު ކުޅުނު ސެމީގެ ދެވަނަ މެޗުގައި މާޅެންދޫއާ ބައްދަލުކޮށް 1-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ލަންދޫ ޓީމުގެ ޖޯޒީ ނަންބަރު 25، އިނާޒް މުހައްމަދަށް އިނާމު ދެއްވީ ޝަރަފުވެރި މެހެމާން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފު އެވެ.

ފައިނަލު މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހަވީރު އެވެ.
މި މުބާރާތުގެ މެޗުތައް ކުރިޔަށް ދަނީ ނ. ކުޑަފަރީ ރަސްމީ ބޯޅަ ދަނޑުގަ އެވެ.
މި މުބާރާތުގައި ވާދަކުރަނީ ޖުމުލަ އަށް ޓީމެވެ. އެއީ، ކުޑަފަރީ އާއި މާޅެންދޫ އާއި ހެނބަދޫ އާއި ލަންދޫ އާއި މަނަދޫ އަދި ޅޮހި މީން ކޮންމެ ރަށަކުން އެއް ޓީމާއި ކެނދިކުޅުދޫ އިން ދެ ޓީމެވެ. ކެނދިކުޅުދޫން ވާދަކުރަނީ ކޭކޭ ސްޓާ އަދި ކޭކޭ ޔުނައިޓެޑެވެ.

ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނައަޕް ޓީމަށް 15،000 ރުފިޔާ އަލީ މައުރޫފު ވަނީ ހުށަހަޅުއްވައިފަ އެވެ.