01 Jan 2015, 19:51
އުތުރު ތިލަފަޅުގައި ރަންވޭއެއް ހަދައި ޖެޓު ޖެއްސޭނެ ގޮތް ހެދުމުގެ އިތުރުން އެތަނުގައި ދެ ރިސޯޓު ގާއިމްކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށް ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ އުތުރު ތިލަފަޅުގައި ގާއިމް ކުރި އެމްއެންޑީއެފްގެ "ސިފަވަރު ކަލާސީ ބަނދަރު" އިފްތިތާހު ކުރުމަށާއި ކޯސްޓު ގާޑުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުތުރު ތިލަފަޅު ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ތަސައްވަރުގައި ރަންވޭއެއް ހަދައި އެތަނުގައި ޖެޓު ޖެއްސޭނެ ގޮތް ހެދުމާއި އެތަނުގައި ދެ ރިސޯޓު ގާއިމްކުރުން ހިމެނޭއިރު އެތަން ތަރައްގީކޮށް ނިމޭއިރު ސިފައިންނަށް އާމްދަނީ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެކަންތައްތަކުގެ އިތުރުން އެތަނުގައި ބޮޑު ބަނދަރެއް ހެދުމަކީ ސަރުކާރުގެ އުންމީދެއް ކަމަށެވެ. ހަމައެހެންމެ ބޮޑެތި އުޅަނދު ފަހަރު މަރާމާތު ކުރެވޭނެ ވޯކްޝޮޕެއް ގާއިމްކޮށް އެކި ފެންވަރުގެ ޔޮޓު މަރާމާތު ކުރެވޭނެ ފެސިލިޓީސް އެތަނުގައި ގާއިމް ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮންމެ ކަމެއްގައިވެސް ރަނގަޅު ވިސްނުމަކާއި ރަނގަޅު ތަސައްވަރެއް އޮވެއްޖެނަމަ އެކަމެއް ހާސިލްވާނެ ކަމަށާއި އުތުރު ތިލަފަޅަކީ އެކަމުގެ މިސާލެއް ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
"މިތަން އަޅުގަނޑުމެން ހިއްކަން ފެށިއިރުގައި މިހާވަރުގެ ތަނެއް އަތުވެދާނެ ކަމުގެ ވިސްނުމެއް ގިނަބަޔަކުގެ ނެތް. އެހެންނަމަވެސް ކޮންމެ ކަމެއްގައިވެސް ވިސްނުމެއް އޮވެ ތަސައްވަރެއް އޮވެއްޖަކަމަށް ވަންޏާ އެކަން ހާސިލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މިއަދު އަޅުގަނޑުމެންނަށް މިވަނީ ހޯދިފައި،" ނާޒިމް ވިދާޅުވި އެވެ.
އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ސަރުކާރުން ވެދެއްވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ނާޒިމް ވިދާޅުވީ އެތަން ތަރައްގީކުރެވިގެންދާނީ ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ ކަންކަން ކުރެވޭނެ ގޮތްތަކެއްގެ މައްޗަށް ކަމަށެވެ.
ކޯސްޓު ގާޑަށް 35 އަހަރު ފުރިގެން ގޮސްފައިވާއިރު ކޯސްޓު ގާޑަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް ބައްލަވައިލައްވައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ކޯސްޓު ގާޑަށް އިތުރު އުޅަނދެއް ވަރަށް އަވަހަށް ގެންނާނެ ކަމަށާއި އެ އުޅަނދު ގެނައުމުގެ މަސައްކަތްތައް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ.