01 Jan 2015, 16:19
މެންޗެސްޓާ ޔުނައިޓަޑްގެ ސަޕޯޓަރުންނަކީ ވަރަށް އާދަޔާ ހިލާފު ބައެއް ކަމަށާއި އެ ޓީމްގެ ސަޕޯޓަރުން ޓީމަށް ދޭ ތަރުހީބަކީ އޭނާ ވަރަށް އުފާކުރާ ކަމެއް ކަމަށް ޔުނައިޓަޑްގެ ކޯޗް ވެން ހާލް ބުނެފި އެވެ.
ވެން ހާލް ބުނީ ޔުނައިޓަޑްގެ ސަޕޯޓަރުން ޓީމަށް ދޭ ތަރުހީބާމެދު އޭނާ ބައެއް ފަހަރު އަޖައިބު ވާކަމަށާއި، އެ ޓީމްގެ ފަހަކަށް އައިސް ހޯދަމުންދާ ކާމިޔާބީގައި ޓީމްގެ ސަޕޯޓަރުން ބޮޑު ރޯލެއް އަދާކުރާ ކަމަށެވެ. އަދި އޭނާ ކޯޗުކަން ކޮށްދިން އެހެން ޓީމުތަކުގެ ސަޕޯޓަރުންނާ އަޅާ ބަލާއިރު ޔުނައިޓަޑްގެ ސަޕޯޓަރުން ވަރަށް ތަފާތު ކަމަށް ވެސް އޭނާ ބުންޏެވެ.
"ސީޒަންގެ މިހާތަނުގައި ޔުނައިޓަޑަށް މިހާ ހިސާބަށް މި އާދެވުނީ ޓީމްގެ ސަޕޯޓަރުންގެ ބޮޑު ހިއްސާއަކާ އެކު. އަހަރެން ޓީމްގެ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން. މި ސީޒަންގެ ކުރީކޮޅު ސަޕޯޓަރުން ޓީމަށް ދިން ސަޕޯޓަކީ ޓީމު މިހާރު މިއޮތް ހިސާބަށް އާދެވުމުގެ އަސްލު،" ވެން ހާލް ބުންޏެވެ.
މިއަހަރު މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗުކަމާ ހަވާލުވި ވެން ހާލް އަށް އެ ޓީމާ ހަވާލުވުމަށް ފަހު އެނާއަށް ދިމާވި އެންމެ ހައިރާންކުރަނިވި ކަމަކީ ކޮބައިކަން ސުވާލު ކުރުމުން އޭނާ ބުނީ އޭނާ އެންމެ ހައިރާންވީ ޓީމްގެ ސަޕޯޓަރުންނާމެދު ކަމަށެވެ. އަދި ޔުނިއިޓަޑަށް ރަނގަޅު ނަތީޖާތަކެއް ނެރެވިފައި ނުވާ މެޗުތަކުގައި ވެސް ސަޕޯޓަރުން ޓީމަށް ދީފައިވަ ހިތްވަރާ މެދު އޭނާ ހައިރާން ވަކަމަށް ވެން ހާލް ބުންޏެވެ.
"ޔުނައިޓަޑްގެ ސަޕޯޓަރުންނާމެދު އަހަރެން ހައިރާންވޭ. އަމިއްލަ ސްޓޭޑިއަމްގައި ކުޅޭ މެޗެއްގައި ޓީމެއް ބަލިވުމުން އެ ޓީމްގެ ސަޕޯޓަރުން ޓީމަށް ތަރުހީބު ދޭތަން މިނޫނީ ދުވަހަކު ވެސް އަހަރެން ނުދެކެން. ބާސެލޯނާގެ ހޯމް މެޗުތަކުގައި އެ ޓީމް ބަލިވުމުން ސަޕޯޓަރުން ހުދު ރުމާ ނަގަން ފަށާނެ. ބެޔާން މިއުނިކް ނަމަ ސަޕޯޓަރުން ތުމުންފުމޭނެ. އޭގެ އިތުރުން އެމްސްޓަޑޭމް ނޫނީ އެޖެކްސްގައި ނަމަ ހޯމް މެޗެއްގައި ޓީމް ބަލިވުމުން ސްޕޯޓަރުން ހަޅޭފަޅޭއް ލަވާނެ. ނަމަވެސް ޔުނައިޓަޑްގެ ސްޓޭޑިއަމްގައި މެޗަކުން ޔުނައިޓަޑް ބަލިވިއަސް ސަޕޯޓަރުން ތެދުވެ ޓީމަށް ތަރުހީބު ދިނުމުގެ ގޮތުން އަތް ޖަހާ. އެއީ ހަމަ އަސްލުވެސް އަހަރެން އަޖައިބު ކުރުވި ކަމެއް،" ވެން ހާލް ބުންޏެވެ.
ސީޒަނެއް ފެށުމުގައި މިދިޔަ 28 އަހަރުގެ ތެރޭގައި ޔުނައިޓަޑް ތަހަންމަލް ކުރަންޖެހުނު އެންމެ ދަށް ކާމިޔާބީ މިފަހަރުގެ ސީޒަން ފެށުމުގައި އެ ޓީމް ތަހަންމަލް ކުރަން ޖެހުނު އިރު، އެންމެ ފުރަތަމަ މި ސީޒަންގައި އެ ޓީމް ކުޅުނު 10 މެޗުން އެންމެ 13 ޕޮއިންޓް ހޯދުނު ޔުނައިޓަޑް އޭރު އޮތީ ތާވަލްގެ 10 ވަނައިގަ އެވެ. ނަމަވެސް ސީޒަންގެ މެދުތެރެއިން ޔުނައިޓަޑް އެ ޓީމްގެ ކުޅުން ރަނގަޅު ކޮށްފައިވާ އިރު، އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އެންމެ މެޗަކުންވެސް އެ ޓީމް ބަލިވެފައެއް ނުވެ އެވެ. އަދި މިހާރު މުޅިއަކު 36 ޕޮއިންޓާ އެކު އެ ޓީމް އޮތީ ލީގު ތާވަލްގެ ތިންވަނައިގަ އެވެ.