ގުއަންޓަނާމޯ ޖަލު ހުސްކުރުމަށް ޓަކައި އެމެރިކާ ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން އެތާގައި 10 އަހަރުވަންދެން ތިބި ފަސް ގައިދީއަކު ކަޒަކިސްތާނުގެ ޖަލަކަށް ބަދަލުކޮށްފި އެވެ.

އެ ފަސް ގައިދީންގެ ތެރެއިން ތިން މީހުންނަކީ ޔަމަންގެ ތިން މީހުން ކަމަށް ރޮއިޓާސް އިން ރޭ ބުންޏެވެ. އަދި ބާކީ ދެ ގައިދީންނަކީ ޓުނީޝިއާ މީހުންނެވެ.

އެމެރިކާގެ ސަރުކާރުން މި އަރުގެ ތެރޭގައި އެކަނިވެސް ގުއަންޓަނާމޯ ޖަލުން 28 ގައިދީއަކު އެހެން ޖަލުތަކަށް ބަދަލުކޮށްފައިވެ އެވެ. އެ އަދަދަކީ 2009 އަކަށް ފަހު އެންމެ ގިނަ އަދަދަކަށް ގައިދީން އެހެން ޖަލުތަކަށް ބަދަލުކުރި އަދަދު ކަމަށެވެ. އަދި ކުރިއަށް ހުރި ހަފްތާތަކުގައި އިތުރު ގައިދީންތަކެއް ބަލަދު ކުރާނެ ކަމަށް ޕެންޓަގަންގެ އޮފިޝަލެއް ވިދާޅުވެފައިވެ އެވެ.

އެ ފަސް ގައިދީން ބަދަލު ކުރުމާ އެކު ގުއަންޓަމާލޯގެ ޖަލުގައި ތިބި ގައިދީންގެ އަދަދު މިހާރުވަނީ 127 މީހުންނަށް ވެފަ އެވެ. ކަޒަކިސްތާން އަށް ފޮނުވި ފަސް ގައިދީންނަކީ "ލޯ-ރިސްކް" ގައިދީން ކަމަށް އެތަނަށް ފޮނުވުމުގެ ކުރިން ބަލާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

ގުއަންޓަނާމޯ ޖަލުގައި ތިބި ގައިދީންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގައިދީންނަކީ ޔަމަންގެ މީހުންނަށްވީ އިރު އެ ޖަލުގެ 800 އަށް ވުރެ ގިނަ މީހުން އެތަނުގައި ހިފަހައްޓާފައި ވަނީ އެއްވެސް ޗާޖަކާ ނުލަ އެވެ.

ކަޒަކިސްތާނަށް ފޮނުވި ފަސް ގައިދީންނަކީ އަލް ގައިދާ ގްރޫޕާ ގުޅިފައިވާ ކަމަށް ޝައްކު ކުރެވޭ ބައެއް ކަމުގައި ވިޔަސް އެމީހުންނަކީ އެހާ ނުރައްކާ ނޫން ކުށްވެރިން ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.