"އެލަޔްންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް" (އައޯސިސް)ގެ ރިޔާސަތާ ރާއްޖެ އިން މިއަދު ހަވާލުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ އައޯސިސްގެ ރިޔާސަތާއި ރާއްޖޭން މާދަމާ ހަވާލުވާނެކަމަށާއި ކުރިއަށް އޮތް އަހަރު އެ އެލަޔަންސްގެ ރިޔާސަތު ބަލަހައްޓާނީ ރާއްޖެ އިން ކަމަށެވެ.

އައޯސިސް އަކީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ރާއްޖޭގައި 1989ގައި ބޭއްވި ކުދި ގައުމުތަކުގެ އެންމެ ފުރަތަމަ ކޮންފަރެންސްއަށް ފަހު ރާއްޖެއިން އިސްނަގައިން އުފެއްދި ޖަމާއަތެކެވެ.

އެ ބަޔާނުގައި ވަނީ ވޭތުވެ ދިޔަ 25 އަހަރުގެ ތެރޭގައި ދުނިޔޭގެ ތިމާވެއްޓަށް ކުރާ ނޭދެވެ އަސަރުތަކުގެ ސަބަބުން ރާއްޖޭން އިސް ނަގައިން އެތައް މަޝްރޫތަކެއް ހިންގާފައިވާ ކަމަށެވެ. އޯސިސްގެ ރިޔާސަތު ބަލަހައްޓާ ރާއްޖޭގެ ފަރާތުން އެ ޖަމިއްޔާ އިތުރަށް ވަރުގަދަކޮށް، ތިމާވައްޓާ ގުޅޭ ކަންކަމުގައި އިސްނަގައިން އިތުރު ހަރަކާތްތަކެއް ހިންގުމަށް ރާއްޖޭއިން ރާވާފައި ވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

އޯސިސްއަކީ ތަރައްގީ އާއި ތިމާވަށީގެ ކަންކަމުގައި ހިޔާލު އެއްގޮތް ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ޖަމާއަތެކެވެ. އަދި އެ ޖަމިއްޔާގެ މައިގަނޑު މަސައްކަތަކީ ޔުނައިޓަޑް ނޭޝަންސް (އދ)ގައި ހިމެނޭ ސްމޯލް އައިލެންޑް ޑިވަލޮޕިންގް ސްޓޭޓްސް (ސިޑްސް)ގެ މަސައްކަތްތަކުގައި އދ.ގެ ސިސްޓަމުގެ ތެރޭގައި ވަކާލާތުކުރުމެވެ.