މާލެއިން ފެން ކެނޑުމާ ގުޅިގެން ރާއްޖެއަށް ފެން ފޯރުކޮށްދީފައި ވަނީ ޗައިނާއިން މުޅި ދުނިޔޭގެ މުސްތަގުބަލާ މެދުގައި ވިސްނާތީ ކަމަށް އެގައުމުގެ ރައީސް ޒީޖިންޕިން ވިދާޅުވެއްޖެއެވެ.

މީލާދީ އާހަރާ ގުޅިގެން ޓީވީ މެދުވެރިކުރައްވައި ދެއްވި ޚިތޯބެއްގައި ޒީ ވިދާޅުވެފައި ވަނީ އެބޯލާ ބަލި ފެތުރުނު އެފްރިކާގެ ގައުމުތަކަށް ވެސް އެގައުމުން އެހީތެރިވެދީފައިވާ ކަމަށެވެ.

"... ޖުމްލަ ގޮތެއްގައި މުޅި ދުނިޔޭގެ މުސްތަގުބަލާއި މެދުގައި ވެސް ޗައިނާ މީހުން ވިސްނާ. އެބޯލާގެ އަސަރުކޮށްފައިވާ އެފްރިކާގެ ގައުމުތަކަށް ޗައިނާއިން ވަނީ އެހީ ދީފައި. ވެރިރަށް ފެނަށް ޖެހުމުން ޗައިނާއިން ދިވެހި ރާއްޖެއަށް އެހީތެރިވެދިން،" ޒީގެ ޚިތޯބުގައި ވިދާޅުވިކަމަށް ޒިންހުއާ ނިއުސް އެޖެންސީން ބުންޏެވެ.

މިދިޔަ ހަރުގެ ޑިސެމްބަރުމަހު އެމްޑަބްލިއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މުޅި މާލޭން ފެނުގެ ޚިދުމަތް ކެނޑުނެވެ. އެހާދިސާއާއި ގުޅިގެން މާލެއަށް ފެން ފޯރުކޮށްދިނުމަށް ޗައިނާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ފޮނުވިއެވެ. އެ މަނަވަރު މާލޭގައި ބަދަރުކުރި ފުރަތަމަ ދުވަހު އެކަނި ވެސް މާލެއަށް 630 ޓަނުގެ ފެން ފޯރުކޮށްދީފައިވެ އެވެ. އަދި ދުވާލަކު 90 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން ހުރި އެ މަނަވަރުން ވަނީ، އޭގެ ފަހުން 60 ޓަނަށް ވުރެ ގިނަ ފެން ކޮންމެ ދުވަހަކު މާލެއަށް ފޯރުކޮށްދީފަ އެވެ. އަދި ފުޅީގައި ބަންދުކޮށްފައިވާ ބޯފެން ވެސް ޗައިނާއިން ފޯރުކޮށްދިނެވެ.