01 Jan 2015, 14:22
ފ. އަތޮޅު ކައުންސިލްގެ ނިލަންދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝިފާހު އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ނިލަންދޫއަށް ދިޔުމުން އޭނާއާ ދިމާލަށް ގާއުކައި ރަށުން ބޭރު ކޮށްލައިފިއެވެ.
'ސަން' އަށް މައުލޫމާތުދެއްވަމުން ކައުންސިލަރު ޝިފާހު ވިދާޅުވީ އިއްޔެ ނިލަންދޫއަށް ދިޔުމުން އޭނާ އެ ރަށަށް އެރިޔަ ނުދީ ބަޔަކު ހިފައްޓާފައި ވާކަމަށެވެ. އަދި އިއްޔެ އެ ރަށަށް ފޭބޭގޮތް ނުވުމުން އޭނާ އަމިއްލަ ރަށް ކަމުގައިވާ ދަރަނބޫދޫއަށް އެނބުރި ގޮސްފައި ވާކަމަށާއި، މިއަދުވެސް ނިލަންދޫއަށް ދިޔުމުން ބަޔަކު ގާ އުކައި އޭނާ އެ ރަށަށް އެރިޔަ ނުދީ ހިފެއްޓި ކަމަށެވެ.
"އަޅުގަނޑަކީ ދަރަނބޫދޫ ރައްޔިތެއް، ނަމަވެސް ނިލަންދޫ ދާއިރާއިން ފ. އަތޮޅު ކައުންސިލަށް އިންތިޚާބު ކުރެވުނު ކައުންސިލަރެއްގެ ހައިސިއްޔަތުން އިއްޔެ އަޅުގަނޑު އެ ރަށަށް ދިޔައީ. އަތޮޅު ކައުންސިލްގެ ރަސްމީ ބައްދަލުވުމަކަށް އަޅުގަނޑު ދިޔައީވެސް. ނަމަވެސް އިއްޔެ އެ ރަށު ބަނދަރު މަތިން ބަޔަކު އަޅުގަނޑު ކޮށްޕާލައި މޫދަށް ވައްޓާލަން އުޅުނީ. އަޅުގަނޑު މޫދަކަށް ނުވެއްޓުނު، ނަމަވެސް އެ އިއްޔެ އެ ރަށަށް ނާރާ އަޅުގަނޑު އަނބުރާ ދަރަނބޫދޫއަށް ދާން ޖެހުނީ. ދެން މިއަދު އަޅުގަނޑު އެ ރަށަށް ދިޔައީ އެ ރަށުގައި ހުރި އަޅުގަނޑުގެ އެއްޗެހި ބަލައި. ނަމަވެސް މިއަދު ދިޔުމުން އެ ރަށު ބަޔަކު އަޅުގަނޑާ ދިމާލަށް ގާ އުކި. ގާބުރިއަކުން އަޅުގަނޑު ގައިގާ ޖެހެންވެސް ޖެހުނު. އެކަން އެގޮތަށް ދިމާވުމުން މިއަދުވެސް އެ ރަށަށް ނާރާ އަޅުގަނޑު އަނބުރާ ރަށަށް އަންނަން ޖެހުނީ،" ޝިފާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ދިމާވާން މެދުވެރިވުމުގެ އަސްލަކީ ނިލަންދޫގައި ބޭއްވި ފ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި ނިލަންދޫ ޓީމުގެ ސަޕޯޓަރުންނާއި ދަރަނބޫދޫ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކެއް ކަމަށެވެ. އަދި އެ މުބާރާތަށްފަހު މިހާރު ކުރިއަށްދާ ޒޯން މުބާރާތުގައިވެސް އެ ދެ ރަށުގެ ސަޕޯޓަރުންގެ މެދުގައި އެފަދަ މައްސަލަތައް ހިނގާފައި ވާކަމަށް ކައުންސިލަރު ޝިފާހު ވިދާޅުވިއެވެ.
ފ. އަތޮޅު ކައުންސިލް އިދާރާ ހުންނަނީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވާ ނިލަންދޫގަ އެވެ. އަދި އެ އަތޮޅުގައި ބޭއްވި އަތޮޅު ފުޓްބޯޅަ މުބާރާތްވެސް އެ ރަށުގައި ބާއްވާފައި ވާއިރު، މިހާރު ކުރިއަށްދާ ޒޯން ފަހެއްގެ މުބާރާތުގެ މެޗުތަށްވެސް ކުރިއަށް ދަނީ އެ ރަށުގައެވެ.
ފ. އަތޮޅު ކައުންސިލްގެ ރައީސް އަބްދުލް ހަމީދު މުހައްމަދު ވިދާޅުވީ ކައުންސިލަރު ޝިފާހުއާ މެދު އެފަދަ އަމަލެއް މިއަދު ހިންގާފައި ވާކަމަށާއި، އެކަން ހިގަން މެދުވެރިވީ އެރަށު މަދު ބައެއްގެ ސަބަބުން ކަމަށެވެ.
"މިއީ ދެ ރަށުގެ ކައުންސިލްގެ މެދުގައި ހިނގާފައިވާ މައްސަލައެއް ނޫން. އެކަން ހިނގާފައި ވަނީ މިދިޔަ އަތޮޅު މުބާރާތުގައި ދެ ރަށުގެ ސަޕޯޓަރުންގެ ތެރެއިން މަދު ބަޔަކު ހިންގި ހަމަނުޖެހުމެއްގެ ސަބަބުން. މިއަދު ހިނގި ކަންތަކުގެ އިތުރުން އިއްޔެ ނިލަންދޫއިން ޑިމްގިއެއްގައި ދަރަނބޫދޫއަށް ދިޔަ ކުދާކުދިންތަކެއްގެ ގައިގާ އެ ރަށު ބަޔަކު ތަޅައިގަނެ އެ ރަށުން ބެރުކޮށްލުމުން މި މައްސަލަ ގޯސްވެގެން މިއުޅެނީ. ފުލުހުންވެސް އެކަމުގައި ކޮންމެވެސް ވަރެއްގެ އިހުމާލެއް ވެފައިވޭ. މިއަދު ޝިފާހުއާ ދިމާލަށް ގާ އުކީ ރަށުގެ ހަ ވަރަކަށް ޒުވާނުން. ނަމަވެސް އޭގެ ތެރެއިން ހައްޔަރު ކުރީ އެންމެ މީހެއް. އަހެން މީހުން އަދިވެސް ރަށުތެރޭ މިނިވަންކަމާއެކު އެބަ އުޅޭ،" އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނިލަންދޫ ޕޮލިސްޓޭޝަނަށް އެ މައްސަލަ މިހާރު ހުށައަޅާފައިވާ ކަމަށާއި އެ މައްސަލައަށް ސުލްހަވެރި ނިމުމެއް ގެނެވުމަށް އެ ދެ ރަށުގެ ކައުންސިލްގެ އިތުރުން އަތޮޅު ކައުންސިލާއި ފުލުންގެ ބައްދަލުވުމެއް މިއަދު ބާވަން ހަމަޖެހިފައިވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފުލުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލައަކީ އެ ދެ ރަށުގެ މަދު ޒުވާނުން ކޮޅެއްގެ މެދުގައި ޖެހުނު މައްސަލައެއް ކަމަށާއި، މިއަދު ހިނގި ގާ އުކުމުގެ ހާދިސާއާ ގުޅިގެން އުމުރުން 32 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައަށް ހައްލެއް ގެނައުމަށް ފުލުހުންގެ ޑިވިޝަން ކޮމާންޑަރު މިހާރު ނިލަންދޫއަށް ވަޑައިގެން، އެ ދެ ރަށުގެ ކައުންސިލާއި އަތޮޅު ކައުންސިލާ އެކު މަޝްވަރާތަކެއް ކުރަމުންދާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.