01 Jan 2015, 13:43
އަހަރުގެ ފުރަތަމަ ދުވަހު މަސްދަޅު ކޭހެއް ވަގަށްނެގި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ.
އެވައްކަން ހިނގި މަންޒަރު ފެނުނު ސަންގެ ނޫސްވެރިޔާ ބުނީ މިއަދު 12:45 އެހައިކަންހާއިރު ސައްޔިދުކިލޭގެ ފާނު މަގުގައި ހުންނަ ރެޑްވޭވް ޕްލާޒާއިން މަސް ދަޅު ކޭހެއް ވަގަށް ނަގަން މަސައްކަތް ކުރި ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ވައްކަންކުރުމަށް އެހީތެރިވެދިން މީހާ ކަމަށް ވެސް ސަންގެ ނޫސްވެރިޔާ ބުންޏެވެ.
"ދެ މީހަކު ވައްކަން ކުރަން އުޅުނީ އޭގެ ތެރެއިން އެކަކު މަސް ކޭސް ކޮނޑަށް ލައިގެން ދަނިކޮށް ބަޔަކު ހަޅޭލަވައިގަތީމަ މަސް ކޭސް ވައްޓާލާފައި އޭނާ ފިލީ. ދެން ފާރައަށް ހުރި މީހާ އެސަރަހައްދުގައި ތިބި މީހުން ހިފަހައްޓައި ފުލުހުންނާއި ހަވާލުކޮށްފައިވަނީ" ސަންގެ ނޫސްވެރިޔާ ބުންޏެވެ.
އެދެމީހުން އެވައްކަން ހިންގީ އެފިހާރަ ހުޅުވާފައި ހުރި ވަގުތެއްގައި ފިހާރަތެރެއަށް ވަދެއެވެ.
އެމައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 1:00 ކަންހާއިރު ރެޑްވޭވް ފިހާރައަކުން މަސް ދަޅު ކޭހެއް ވަގަން ނަގަން މަސައްކަތްކުރި ދެ މީހެއްގެ ތެރެއިން 25 އަހަރުގެ މީހަކު އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ފިލާފައިވާ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
މިއަހަރުގެ ފުރަތަމަ ދުވަހު ފިހާރައަކޫން މަސް ދަޅު ކޭހެއް ވަގަށް ނަގާފައިވާއިރު 2014 ވަނަ އަހަރު ނިމިފައިވަނީ 2013 ވަނަ އަހަރަށްވުރެ ކުށް މަދުކޮށްނެވެ. ނަމަވެސް ފޭރުމުގެ މައްސަލަތައް ގިނައެވެ. ވޭތުވެ ދިޔަ ދެ އަހަރު ވެސް އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ފޭރުމުގެ މައްސަލަތަކެވެ. ފޭރުމުގެ 6683 މައްސަލައެއް 2013 ވަނަ އަހަރު ހުށަހަޅާފައިވެ އެވެ. އަދި މިދިޔަ އަހަރު ހުށަހަޅާފައި ވަނީ ފޭރުމުގެ 5077 މައްސަލައެކެވެ. އެއީ 2013 ވަނަ އަހަރާ އަޅާބަލާއިރު، 24 ޕަސެންޓް ދަށް އަދަދެކެވެ.