01 Jan 2015, 12:38
ޖުނާ ފުޓްބޯލް ޗެލެންޖް 2014-2015 ގައި އިއްޔެ ކުޅުނު މެޗު ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ގްރޫޕް 'ބީ' ތާވަލްގެ އެއްވަނައަށް ދަ ފޭދޫ ޓީމް ޖެހިލައިފިއެވެ.
އެ މުބާރާތުގައި އިއްޔެ ކުޅުނު މެޗުގައި ދަ ފޭދޫ ޓީމުން ގޯދިއްޔާ ގެ މައްޗަށް ކުރި ހޯދީ 12-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރަތަމަ ހާފްގައިވެސް ދަ ފޭދޫ އިން ހަތަރު ލަނޑު ކާމިޔާބު ކުރިއިރު، އެ މެޗުގެ ފުރަތަމަ ހާފްގައި ގޯދިއްޔާއަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފްގައި ގޯދިއްޔާ ވަނީ އެ ޓީމްގެ ދެވަނަ އަދި ތިންވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. ނަމަވެސް އެ ހާފްގައި ދަ ފޭދޫ ވަނީ ގިނަ ހަމަލާތަކެއް އުފައްދައި ގޯދިއްޔާ ކޮޅަށް މުޅިއަކު އަށް ލަނޑު ކާމިޔާބު ކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަ ފޭދޫ ޓީމަށް ޑަބަލް ހެޓްރިކެއް ހެދުމުގެ އިތުރުން އަދި އެ ލަނޑު ކާމިޔާބުކޮށް މެޗުގައި ދަ ފޭދޫއަށް މުޅިއަކު ހަތް ލަނޑު ކާމިޔާބު ކޮށްދިން އެ ޓީމްގެ އަލީ ނާފިއު އެވެ.
އިއްޔެގެ މެޗުގެ ނަތީޖާއާއެކު ދަ ފޭދޫ ވަނީ މިހާތަނަށް އެ ޓީމް މުބާރާތުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، މުޅިއަކު ހަ ޕޮއިންޓާއެކު މުބާރާތުގެ ގްރޫޕް 'ބީ' ތާވަލްގެ އެއްވަނަ މަގާމް ހޯދާފައެވެ. އަދި ގޯދިއްޔާވެސް މިހާރު މުބާރާތުގައި ދެ މެޗު ކުޅެފައި ވާއިރު، އެ ޓީމް ވަނީ މުބާރާތުގައި ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.
އެ މުބާރާތުގައި މިއަދު ކުޅެން ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ މުލިމަތި ޔުނައިޓަޑް އާއި ދަ އައިލެންޑް ކޮމިއުނިޓީ އެވެ. އެ މެޗުވެސް ކުޅެން ހަމަޖެހިފައި ވަނީ އައްޑޫ ސިޓީގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު 4:00 ގެއެވެ.
މިދިޔަ ހުކުރު ދުވަހު ފެށި ޖުނާ ފުޓްބޯލް ޗެލެންޖް 2014-2015 ގައި އައްޑޫގެ އެކި ކަންކޮޅުތަކުން މުޅިއަކު އަށް ޓީމެއް ބައިވެރި ވެފައި ވާއިރު، އެ މުބާރާތަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ އަގުބޮޑު އެއް ފުޓްބޯޅަ މުބާރާތެވެ. ވޭތުވެދިޔަ ތިން އަހަރު "ގްލޯބަލް ލިންކްސް ފުޓްބޯލް ޗެލެންޖް"ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ މުބާރާތް ރިބްރޭންޑްކޮށް، މިފަހަރު "ޖުނާ ފުޓްބޯލް ޗެލެން 2014-2015" ގެ ނަމުގައި އެ މުބާރާތް ބާއްވަމުން އަންނަ އިރު، އެ މުބާރާތުގެ ޗެންޕިއަން ޓީމަށް މިފަހަރު ވަނީ 200،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައެވެ.