މިދިޔަ އަހަރު އިސްރާއީލުގެ 10 ސިފައިން އަމިއްލައަށް މަރުވި ކަމަށް އެގައުމުގެ ނޫހަކުން ބުނެފި އެވެ.

އިސްރާއީލުގެ ހާރެޓްޒް ނޫހުން ބުނީ އިސްރާއީލީ ޑިފެންސް ފޯސް (އައިޑީއެފް)ގެ 10 ސިފައިން އަމިއްލައަށް މަރުވިކަމަށް އެނޫހުގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. އަދި ބުނީ އަމިއްލައަށް މަރުވި 10 މީހުންގެ ތެރޭގައި ޣައްޒާ ހަނގުރާމައިގައި ބައިވެރިވި ހަތަރުމީހުން ހިމެނޭ ކަމަށެވެ. ނޫހުން ބުނީ ތަފާސް ހިސާބުތައް އައިޑީއެފް އިން ވެސް އަދި އާއްމު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަމިއްލައަށް މަރުވި އިސްރާއީލު ސިފައިންގެ އަދަދު 2013 ވަނަ އަހަރަށް ވުރެ 2014 ވަނަ އަހަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން 2013 ވަނަ އަހަރު މަރުވެފައި ވަނީ ހަތް މީހުންނެވެ. ނަމަވެސް އެއީ އިސްރާއީލުގެ ތާރީހުގައި ވެސް ސިފައިން އަމިއްލައަށް މަރުވި އަދަދު އެންމެ މަދު އަހަރުކަމަށް ހާރެޓްޒް ނޫހުން ބުންޏެވެ. އަދި ބުނީ ފާއިތުވި 10 އަހަރުގެ ތެރޭގައި އެވްރެޖްކޮށް އަހަރަކު 22 ސިފައިން އަމިއްލައަށް މަރުވި ކަމަށެވެ.

އިސްރާއީލް އަސްކަރިއްޔާ އިން ބުނެފައި ވަނީ އަމިއްލައަށް މަރުވި ސިފައިންގެ އަދަދު މަދުކޮށްފައި ވަނީ ފަސޭހައިން ހަތިޔާރު ނުލިބޭ ގޮތަށް ހެދުމާއި އަމިއްލައަށް މަރުވުން ހުއްޓުވަން ސިފައިންގެ އޮފިސަރުން ކުރި މަސައްކަތުންނެވެ. ނަމަވެސް ޣައްޒާ ހަނގުރާމައިގައި ބައިވެރި ބްރިގޭޑްގެ ތިން ސިފައިން ހަނގުރާމަ ނިމުމާއި އެކު އަމިއްލައަށް މަރުވުމުން، އެހަނގުރާމައިގެ ސަބަބުން ސިފައިންނަށް ނަފުސާނީ ގޮތުން ކޮށްފައިވާ އަސަރު ބަލަން ފަށާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ސިފައިން މިދިޔަ އަހަރުގެ އޮގަސްޓްމަހާއި ޖުލައިމަހު ހިންގި އުދުވާނަށް ފަހު ނަފުސާނީ މައްސަލަތަކާ ހެދި ގިނަ އަދަދެއްގެ ސިފައިން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އެ ދުވާނުގައި ޣައްޒާއިން 2000 އަށް ވުރެ ގިނަ މީހުން މަރާލި އިރު އޭގެ ތެރޭގައި 600 ކުޑަކުދިންނާއި 400 އަންހެނުން ހިމެނެއެވެ.