01 Jan 2015, 11:27
ދެހާސް ސާދަ ވަނަ އަހަރު "ސަން އޮންލައިން"ގެ އެންމެ އުފެއްދުންތެރި ތިން ނޫސްވެރިންގެ އަގު ވަޒަންކޮށްފި އެވެ.
ނިމިދިޔަ 2014 ވަނަ އަހަރުގައި ސަންގެ އެންމެ އުފެއްދުންތެރި ތިން ނޫސްވެރިންނަށް ހޮވުނީ އަހުމަދު އާޒިފާއި އަހުމަދު ސާއިލު އަލީގެ އިތުރުން މުހައްމަދު ނަސީމެވެ.
ދެހާސް ތޭރަ ވަނަ އަހަރުގެ "ޖާނަލިސްޓް އޮފް ދަ އިޔާ"އަށް ނޮމިނޭޓުވި ސާއިލް ވަނީ މިދިޔަ އަހަރު ތެރޭގައި 1000 ވުރެ ގިނަ ހަބަރު ލިޔެފަ އެވެ. އިޖުތިމާއީ، ސިޔާސީ، އިގްތިސާދީ ދާއިރާގެ ރިޕޯޓްތަކާއި ފީޗާޑް ހަބަރުތައް ލިޔާ ސާއިލް ވަނީ އަހަރު ދުވަސް ތެރޭ 94 ރިޕޯޓު ލިޔެފަ އެވެ.

އަހުމަދު ސާއިލު އަލީގެ އަގުވަޒަންކޮށް ސީއީއޯ ސިނާން އަލީ ސާއިލަށް ރޭ މާބޮނޑިއެއް ދެއްވަނީ -- ސަން ފޮޓޯ/ ސޮފްވާން
ޝަރުއީ ދާއިރާގެ ހަބަރުތައް ކަވަރު ކުރާ އާޒިފު ވަނީ އަހަރު ތެރޭގައި 1200 އަށް ވުރެ ގިނަ ހަބަރު ލިޔެފަ އެވެ. އަހަރު ދުވަސް ތެރޭ ހިނގައި ދިޔަ މުހިއްމު މައްސަލަތަކަށް އާޒިފް ވަނީ އެޑްރެސްކޮށްފަ އެވެ. އަދި ގާނޫނީ ބޮޑެތި މައްސަލަތަކުގައި އާޒިފް ވަނީ ރިޕޯޓުތައް ލިޔެފަ އެވެ.

އަހުމަދު އާޒިފުގެ އަގުވަޒަންކޮށް ސަން މީޑިއާ ގްރޫޕްގެ ސީއީއޯ ސިނާން އަލީ އާޒިފަށް މާބޮނޑިއެއް ދެއްވަނީ -- ސަން ފޮޓޯ/ ސޮފްވާން
ނޫސްވެރިކަމުގެ ދާއިރާގެ ހަތް އަހަރު ދުވަހުގެ ތަޖުރިބާއާ އެކު ނަސީމް ވަނީ އަހަރު ދުވަހުގެ ތެރޭގައި 1100 ހަބަރު ލިޔެފަ އެވެ. ނަސީމް ވަނީ މިދިޔަ އަހަރު ދުނިޔޭގައި ހިނގައި ދިޔަ ބޮޑެތި މައްސަލަތައް އެންމެ ފުރަތަމަ "ސަން"ގެ ކިޔުންތެެރިނާ ހިސާބަށް ގެނެސްދިންކަން ސާބިތުކޮށްދީފަ އެވެ.

މުހައްމަދު ނަސީމްގެ އަގުވަޒަންކޮށް ސަންގެ ސީއީއޯ ސިނާން އަލީ ނަސީމަށް މާބޮނޑިއެއް ދެއްވަނީ --
އެ ތިން ނޫސްވެރިން މިދިޔަ އަހަރު "ސަން"އަށް ކޮށްދީފައިވާ ހިދުމަތްތައް ފާހަގަކޮށް ސަން މީޑިއާގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ ސަންގެ ނޫސްވެރިންގެ އަގުވަޒަން ކުރާ ކަމަށާއި މިދިޔަ އަހަރު ސަން އެތައް ކާމިޔާބުތަކެެއް ހާސިލުކޮށްފައިވާ ކަމަށެވެ. އަދި ސަންގެ އެހެން ޑިޕާޓްމަންޓްގެ ކުރިއެރުންތައް ވެސް ނިއުސް ރޫމާ ގުޅިފައިވާ ކަމަށެވެ. ސަން މީޑިއާގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދުގެ ވިސްނުންފުޅަކީ ސަންގެ ނޫސްވެރިން ތަމްރީން ކުރުން ކަމަށާއި އެގޮތުން ނޫސްވެރިކަމުގެ ދާއިރާ އިން ތައުލީމް ހާސިލް ކުރަން ސަންގެ ނޫސްވެރިން ރާއްޖެ އިން ބޭރަށް ފޮނުއްވުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.
ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ސަންގެ ކާމިޔާބަކީ ގުޅިގެން މަސައްކަތް ކުރުން ކަމަށާއި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށެވެ. އަދި ވިދާޅުވީ ވާދަވެރި މާހައުލެއްގައި މަސައްކަތްކޮށް، ކާމިޔާބު ހާސިލުކޮށްފައިވާ ޓީމެއްކަން ސަންގެ ނޫސްވެރިން ދައްކުވައިދީފައިވާ ކަމަށެވެ. ހިރިގާ ވިދާޅިުވީ މި ފެށޭ އަހަރަކީ ވެސް ސަންގެ ކާމިޔާބު ދެމެހެއްޓުމަށް ނޫސްވެރިން ގުޅިގެން މަސައްކަތް ކުރާނެ އަހަރަކަށް ހަދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށާއި އަބަދު ވެސް ކާމިޔާބު ހާސިލު ކުރެވޭނީ ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ހަނދާންކޮށްދެެއްވާ ކަމަށެވެ.