އަމިއްލަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އުފެއްދުމަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ 200 މިލިއަން ރުފިޔާގެ ޕްރޮގުރާމްގެ ދަށުން ދޫކުރާ ލޯނަށް އެދޭ އެޕްލިކޭޝަން ފޯމް ދޫކުރަން ފަށައިފި އެވެ.

ޒުވާނުން ވިޔަފާރީގެ ދާއިރާ އަށް ނެރުމަށް ތައާރަފްކުރާ އެ ލޯނަށް އެދޭ ފޯމް މިއަދުން ފެށިގެން getset.mv އިން ޑައުންލޯޑް ކުރެވޭ އިރު އާދިއްތަ ދުވަހުން ފެށިގެން ޔޫތު މިނިސްޓްރީ އިން ވެސް ފޯމް ދޫކުރާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ. އެފޯމް ބަލައިގަތުމަށް ހަމަޖައްސާފައިވާ ވަނީ އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ޔޫތު މިނިސްޓްރީ އިން ބުނެފައި ވަނީ އެ ދުވަސްތަކުގެ ތެރޭގައި ގެޓްސެޓްގެ ޓީމުން މުޅި ރާއްޖެ އަށް އަމާޒުކޮށްގެން ރޯޑްޝޯއެއް ހިންގާނެ ކަމަށާއި އެ ރޯޑްޝޯގައި އަތޮޅުތަކުގައި މަސައްކަތު ބައްދަލުވުންތަކެއް ބާއްވާނެ ކަމަށެވެ. އެ މަސައްކަތު ބައްދަލުވުންތަކަކީ މިޕްރޮގްރާމާ ބެހޭ ފުރިހަމަ މައުލޫމާތުގެ އިތުރުން އެޕްލިކޭޝަން ފޯމް ފުރުމަށް އެހީތެރިވެދިނުމުމަށް ޓަކައި ބޭއްވޭ އެއް ދުވަހުގެ ބައްދަލުވުމެއް ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

އެ ސުކީމްގެ ދަށުން 300000 ރުފިޔާ އާއި 800،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ލޯނު ދޫކުރާނެ އެވެ. އަދި މި ލޯނަށް އެދުމުގެ ހަމައެކަނި ޝަރުތަކީ ވިޔަފާރިއެއް ފަށާނެ ރަނގަޅު ޚިޔާލެއް ހުށަހެޅުމެވެ. އެގޮތުން ހިޔާލު ހުށަހަޅަން ވާނީ، މަދުވެގެން ދެ ޒުވާނުން ގުޅިގެންނެވެ. އެންމެ ބޮޑުވެގެން ލޯނުގެ އިންޓްރެސްޓް ރޭޓް އަރާނީ އަށް ޕަސެންޓަށް ކަމަށް އިދާރާތަކުން ބުނެ އެވެ.

ލޯނު ލިބޭ ފަރާތްތަކުން ލޯނު އަނބުރާ ދައްކަން ފަށަން ޖެހޭ ތާރީޚަކާއި ދައްކަން ޖެހޭ އިންޓަރެސްޓް ރޭޓެއް ކަނޑައަޅާނީ ވިޔަފާރީގެ ބާވަތާއި ބޮޑު ކުޑަމިނާއި ލިބޭނެ ކަމަށް ލަފާ ކުރާ ފައިދާއަށް ބަލައި ދެފަރާތް މަޝްވަރާ ކުރުމަށްފަހުގަ އެވެ.