01 Jan 2015, 10:36
ދެހާސް ތޭރަ ވަނަ އަހަރާ އަޅާބަލާ އިރު އެކިއެކި ކުށްތަކުގައި ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ އަދަދު 16 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ އެކު ވަގުތުން އަޕްޑޭޓްވަމުންދާ ފުލުހުންގެ ވެބްސައިޓުގެ ކުށުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނިމިގެން ދިޔަ 2014 ވަނަ އަހަރު އެކި ކުށްތަކުގައި 15716 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު، 2013 ވަނަ އަހަރު ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖިނާއީ 18757 މައްސަލައެކެވެ.
މިދިޔަ އަހަރު ކުށުގެ ތަފާތު މައްސަލަތައް ހުށަހެޅުނު މިންވަރު ވެސް އޭގެ ކުރީ އަހަރާ އަޅާބަލާ އިރު ވަނީ މަދުވެފަ އެވެ. ނަމަވެސް 2013 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ފުލުހުންނަށް ރިޕޯޓް ކުރެވުނު ޓްރެފިކްގެ މައްސަލަތައް ވަނީ ހަތް ޕަސެންޓް އިތުރުވެފަ އެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ޓްރެފިކްގެ 1959 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ އިރު، އޭގެކުރީ އަހަރު ހުށަހެޅި، ތަހުގީގު ކުރަން ފަށާފައި ވަނީ 1823 މައްސަލައެކެވެ.
ވޭތުވެ ދިޔަ ދެ އަހަރު ވެސް އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ފޭރުމުގެ މައްސަލަތަކެވެ. ފޭރުމުގެ 6683 މައްސަލައެއް 2013 ވަނަ އަހަރު ހުށަހަޅާފައިވެ އެވެ. އަދި މިދިޔަ އަހަރު ހުށަހަޅާފައި ވަނީ ފޭރުމުގެ 5077 މައްސަލައެކެވެ. އެއީ 2013 ވަނަ އަހަރާ އަޅާބަލާއިރު، 24 ޕަސެންޓް ދަށް އަދަދެކެވެ.
ފުލުހުންނަށް ހުށަހެޅިފައިވާ މަސްތުވާތަކެތީގެ މައްސަލަތައް މިދިޔަ އަހަރު ވަނީ 21 ޕަސެންޓް ދަށްވެފަ އެވެ. މިދިޔަ އަހަރު މަސްތުވާތަކެތީގެ 3138 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެ އެވެ. އަދި 2013 ވަނަ އަހަރު މަސްތުވާތަކެތީގެ 3966 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފުލުހުންގެ ރިކޯޑްތަކުން ދައްކަ އެވެ.
އަންހެނުންނަށް ކުރާ އަނިޔާ ނުވަތަ ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާލާ އިރު، މިދިޔަ އަހަރު ފުލުހުންނަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަތައް ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާ އިރު 11 ޕަސެންޓް ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ގެވެށި އަނިޔާގެ ހުށަހެޅިފައި ވަނީ 185 މައްސަލައެކެވެ. އަދި 2013 ވަނަ އަހަރު ގެވެށި އަނިޔާގެ 207 މައްސަލައެއް ހުށަހަޅައި، ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މީހުންނަށް ހަމަލާދީ މާރާމާރީގެ ހިންގުމުގެ މައްސަލަތައް މިއަހަރު ވަނީ 18 ޕަސެންޓް ދަށްވެފަ އެވެ. ފުލުހުންގެ ރިކޯޑްތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް މާރާމާރީގެ 1059 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އޭގެ ކުރީއަހަރު ހުށަހެޅިފައި ވަނީ މާރާމާރީގެ 1288 މައްސަލައެކެވެ.
ނަމަވެސް، 2013 ވަނަ އަހަރާ އަޅާބަލާއިރު މާރާމާރީ ހިންގާ މަރާލާފައިވާ މީހުންގެ އަދަދު މިދިޔަ އަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން ދެހާސް ތޭރަ ވަނަ އަހަރު ރާއްޖޭގައި ތިން މީހަކު މަރާލާފައިވާއިރު، މިދިޔަ އަހަރު ރާއްޖޭގައި މަރާލާފައިވަނީ ފަސް މީހެކެވެ.
މިދިޔަ އަހަރު ހިނގާފައިވަ މަރުގެ މައްސަލަތަކަށް ބަލާ އިރު، އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ގެއަކަށް ގްރޫޕަކުން ވަދެ ވަޅިން ހަމަލާދީ، އެގޭ އަލީ ރަޝީދު ވަނީ މަރާލާފަ އެވެ. އަދި އޭގެ ތިން މަސް ފަހުން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކ. ތުލުސްދޫ އަލީ ޝިހާމަށް ވަޅިން ހަމަލާދީ ވަނީ މަރާލާފައިވާ އިރު، އޭގެ ދެ ދުވަސް ފަހުން ހ. އަޑިޕާކް ސަރަހައްދުގައި ގްރޫޕަކުން ހަމަލާދީ އަހުމަދު މާޒިން ވަނީ މަރާލާފަ އެވެ. އޭގެ ފަހުން މައްޗަންގޮޅި ދިދި ގޯޅިތެރޭގައި ގްރޫޕަކުން ހަމަލާދީ އަހްމަދު އަސީލް ވަނީ މަރާލާފައިވެ އެވެ. އަދި އޭގެ ތިން މަސް ފަހުން ރައްޔިތުންގެ މަޖިލިސް އިދާރާ ކައިރީ ކަތިވަޅިއަކުން ހަމަލާދީ މަރާލާފައިވަނީ އަހުމަދު މަފާޒެވެ.