01 Jan 2015, 10:44
މޮސްކޯ (ޖަނަވަރީ01): ޔުކްރޭންގެ ބައެއްގެ ގޮތުގައި އަހަރުތަކެއް ވަންދެންއޮތް ކްރައިމިޔާ ސަރަހައްދު އަލުން އަނބުރައި ރަޝިޔާގެ އިއްތިޙާދުގެ ސިޔާދަތުގެ ދަށަށް އައުމަކީ ފާއިތުވި އަހަރުގައި ރަޝިޔާއަށް ޙާސިލް ކުރުވުނު ތާރީޚީ ކާމިޔާބީއެއް ކަމަށް ރައީސް ވްލަޑިމޭރު ޕޫޓިން ސިފަކުރައްވައިފި އެވެ.
މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ރޭ މޮސްކޯ ގަޑިން 12 ޖެހިއިރު ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްވި ޚިތާބެއްގައި ޕޫޓިން ވިދާޅުވީ ކްރައިމިޔާ ސަރަހައްދަކީ އެންމެކުރިން ވެސް ރަޝިޔާގެ ބައެއްކަމަށާ ޔުކްރޭންގެ ބައެއްގެ ގޮތުގައި އެސަރަހައްދު އޮތީ ވަގުތީ ކަމެއްގެ ގޮތުގައި ކަމުގަ އެވެ. ކްރައިމިޔާ އަލުން އަނބުރައި ރަޝިޔާގެ ސިޔާދަތުގެ ދަށަށް އައުމަކީ ރަޝިޔާގެ ތާރީޚުގައި ފަލައަކުރުން ލިޔެވޭނެ ކަމެއްކަމަށާ މިކަމުގެ ސަބަބުން ރަޝިޔާއަށް އިތުރު ފައިދާތަކެއް ލިބިގެން ހިނގައްޖެ ކަމަށް ޕޫޓިން ވިދާޅުވި އެވެ.
ކްރައިމިޔާ ރަޝިޔާގެ ސަރަހައްދެއްގެ ގޮތުގައި އޮއްވާ އެސަރަހައްދު ޔުކްރޭންގެ ބައެއްގެ ގޮތުގައި ދާޚިލީގޮތުން ހަމަޖެއްސީ ޔުކްރޭނާއި ރަޝިޔާ ހިމެނޭގޮތަށް އެކުލަވާލި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރުގަ އެވެ. ނަވާރަސަތޭކަ ނުވަދިހަ ދެ ވަނަ އަހަރުގައި ސޮވިއެޓް ޔުނިޔަން ރޫޅިގެން ދިޔުމަށްފަހު ވެސް އެސަރަހައްދު އޮތީ ޔުކްރޭންގެ ސަރަހައްދެއްގެ ގޮތުގަ އެވެ.
ކްރައިމިޔާ އަލުން ރަޝިޔާގެ ދަށަށް އައިފައި ވަނީ ހުޅަނގުގެ ގައުމުތައް އަޑީގައި ތިބެގެން 2013 ވަނައަހަރު ޔުކްރޭނަށް ގެނައި މަދަނީ އިންގިލާބަށް ފަހު އެސަރަހައްދުގެ ލޯކަލް އިދާރާއިން އެސަރަހައްދުގެ ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓެއްގައި ޔުކްރޭނުން ވަކިވެ ރަޝިޔާއާ އެކު އަލުން އިއްތިޙާދުވުމަށް ރައްޔިތުންގެ ގިނަ ބަޔަކު އާނބަސް ބުނުމުންނެވެ. (ރޮއިޓާސް)