01 Jan 2015, 10:42
ރާމަﷲ (ޖަނަވަރީ01): އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އޮންނަ އޮތުން ނިމުމަކަށް ގެނަސް އެބިންތައް މިނިވަން ކުރުމަށް ގޮވާލާ ގަރާރު ފާސްކުރުމަށް ސަލާމަތީ މަޖިލީހުން ދެކޮޅު ހެދުމާގުޅިގެން ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާގައި ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ސޮއިކުރައްވައިފި އެވެ.
މިމުއާހަދާގެ އިތުރުން ވެސް ބައިނަލްއަގްވާމީ 19 މުޢާހަދާއެއްގައި ރައީސް މަޙްމޫދު އައްބާސް އިއްޔެ ވަނީ ސޮއިކުރައްވާފަ އެވެ. މިމުޢަހަދާތަކުގައި ރައީސް އައްބާސް ސޮއިކުރެއްވުމުން އެމުޢާހަދާތަކާ ގުޅޭކަންކަމުގައި މިނިވަން ދައުލަތެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުޖްތަމައުގައި ހަރަކާތްތެރިވުމުގެ ފުރްސަތު ފަލަސްތީނަށް ލިބިގެންދާނެ އެވެ. އދ. ން 2012 ވަނަ އަހަރުވަނީ ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެންބަރުކަން ނުލިބޭ މިނިވަން ދައުލަތެއް ކަމަށް ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކޮށްފަ އެވެ.
މީގެ އިތުރުން ދުނިޔޭގެ 130 ގައުމުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވެފައިވެ އެވެ. މިމުޢާހަދާތަކުގައި ސޮއިކުރެއްވުމަށް ފަހު ރައީސް މަޙްމޫދު އައްބާސް ވިދާޅުވީ މިއީ އިސްރާއީލު ނިގުޅައިގެންފައިވާ ފަލަސްތީނުގެ މިނިވަންކަމާއި ހައްގުތައް އަނބުރައި ހޯދުމަށްޓަކައި ބައިނަލްއަގްވާމީ މަޙްފަލްތަކުގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވުމުގެ ގޮތުން އެޅި ތާރީޚީ ފިޔަވަޅެއްކަމުގަ އެވެ.
ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާ ހިމެނޭގޮތަށް ބައިނަލްއަގްވާމީ 20 މުޢާހަދާއެއްގައި ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް ސޮއިކުރައްވާފައިމިވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައިގެން އޮންނަ އޮތުން ނިމުމަކަށް ގެނަސް އެބިންތައް މިނިވަން ކުރުމަށް ގޮވާލާ ގަރާރު ފާސްކުރުމަށް ސަލާމަތީ މަޖިލީހުން ދެކޮޅު ހެދުމާގުޅިގެންނެވެ. ފަލަސްތީނުގެ މިނިވަންކަމުގެ މިގަރާރު ނާކާމިޔާބުކޮށްލުމުގައި ފަރުދާގެ އަނެއްފަރާތުން އެމެރިކާ ބޮޑުދައުރެއް އަދާކޮށްފައިވެ އެވެ.
ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ މުއާހަދާގައި ފަލަސްތީނުން ސޮއިކުރުމަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގަމުން ގެންދާކަމަށް ތުހުމަތު ކުރެވިފައިވާ އިސްރާއީލުގެ ހަރުކަށިވެރިންނާއި ސިފައިން ބައިނަލްއަގްވާމީ އިންސާފުގެ ކުރިމައްޗަށް ޙާޒިރުކުރުމަށް މަގުފަހިވެދާނެ ކަމެކެވެ. އެހެންކަމުން އިސްރާއީލާއި އިސްރާއީލުގެ ހަރުކަށި އަމަލުތަކަށް ވާގިވެރިވާ އެމެރިކާވަނީ ފަލަސްތީނުގެ މިފިޔަވަޅާމެދު ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ފަލަސްތީނުން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ދިޔުމަކީ ބޮޑު މައްސަލައެއް ކަމަށާ މިކަމާމެދު ހިތާމަ ކުރާކަމުގައެވެ. އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވިދާޅުވީ އިސްރާއީލު ސިފައިންގެ ޙިމާޔަތުގައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމުގަ އެވެ. ފަލަސްތީނުގެ މިނިވަން ކަމަށް ކުރާ ޖިހާދަކީ ޓެރަރިޒަމް ކަމަށް ސިފަކުރައްވަމުން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ވިދާޅުވީ ރައީސް މަޙްމޫދު އައްބާސްގެ މިފިޔަވަޅުގެ ގެއްލުން ޚުދު ފަލަސްތީނަށްވެސް ކުރާނެކަމުގަ އެވެ.
އެމެރިކާގެ ދެކޮޅުހެދުންތަކާއެކު ވެސް ބައިނަލްއަގްވާމީ ގިނަ މުއާހަދާތަކެއްގައި ފަލަސްތީނުން ސޮއިކުރުމުގެ ބޭނުމަކީ ފަލަސްތީނުގެ މިނިވަންކަމާއި ހައްގުތަކުގެ މައްސަލައަކީ ބައިނަލްއަގްވާމީ ގޮތުން ޙައްލުކުރަން ޖެހޭ ކަމަކަށް ހެދުމެވެ. މިއީ އެމެރިކާއާއި އިސްރާއީލު ކަނޑައެޅިގެން ދެކޮޅު ހަދާކަމެކެވެ. މިކަމުގެ ސަބަބުން ކުރިން ކުރިމަތިނުވާ ފަދަ ބޮލުގެ ރިހުންތަކެއް އިސްރާއީލާއި އެމެރިކާއަށް އިޙްސާސް ކުރަންޖެހޭނެ ކަމަށް މުހައްލިލުން ބުނެ އެވެ. މިނިވަންކަމާއި ހައްގުތައް ހޯދުމުގައި ފަލަސްތީނުން މިހާތަނަށް ބަރޯސާވަމުން ދިޔައީ އެމެރިކާ މެދުވެރިއެއްގެ ބައި އަދާކުރާގޮތަށް އިސްރާއީލާއި ފަލަސްތީނާ ދެމެދު ކުރިޔަށްގެންދިޔަ އަޑިނޭންގޭ ސުލްހައިގެ ވާހަކަތަކެއްގެ މައްޗަށެވެ. ނަމަވެސް 20 އަހަރަށް ދިގުދެމިގެންދިޔަ މިވާހަކަތަކަކީ ބޭކާރު ވާހަކަތަކެއްކަން ކަށަވަރުވުމުން ފަލަސްތީނުގެ މިސްރާބު މިހާރު ހުރީ ބައިނަލްއަގްވާމީ މަޙްފަލްތަކާ ދިމާއަށެވެ.
ފަލަސްތީނުގެ މިއައު ފިޔަވަޅުގެ ސަބަބުން ސުލްހައިގެ ކަންތައްތަކުގައި އެމެރިކާގެ މައްޗަށް ފަލަސްތީނު ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ އެވެ. އަދި މިކަމުގެ ސަބަބުން މެދުއިރުމަތީގައި އެމެރިކާގެ ދައުރުވެސް އިތުރަށް ހަނިވެގެންދާނެކަމަށް ވަނީ ބެލެވިފަ އެވެ. (އަލްޖަޒީރާ)