އޮކްލޭންޑް (ޖަނަވަރީ01): މީލާދީ އައު އަހަރު ކަމަށްވާ 2015 ވަނަ އަހަރުގެ ފެށުން ދުނިޔޭގެ ކަންކޮޅުތަކުގައި ފާހަގަކުރަމުން އެބަގެންދެ އެވެ. މީލާދީ އައު އަހަރަށް އެންމެފުރަތަމަ މަރްޙަބާކިޔާފައި ވަނީ އޮސްޓްރޭލިޔާއާއި ނިއުޒިލޭންޑުންނެވެ.
ދެހާސް ފަނަރަ ވަނަ އަހަރަށް މަރްޙަބާ ކިޔުމުގެ ގޮތުން ނިއުޒިލޭންޑްގައި ހަވާއެރުވުމާއި މިޔުޒިކީ ކުޅިވަރުތައް ކުރިޔަށް ގެންގޮސްފައިވާއިރު އައުއަހަރަށް މަރްޙަބާ ކިޔުމުގެ ގޮތުން އޮސްޓްރޭލިޔާގެ ސިޑްނީގެ އަތިރިމައްޗަށް ދޮޅު މިލިޔަނެއްހާ މީހުން އެއްވެފައިވެ އެވެ.

އެއަރ އޭޝިޔާގެ މަތިންދާ ބޯޓު ވެއްޓުމުގެ ޙާދިސާގައި މަރުވެފައިވާ އިންޑޮނީޝިޔާގެ ރައްޔިތުންގެ ޢާއިލާތަކަށް ކުރިމަތިވެފައިވާ ހިތާމައާގުޅިގެން އިންޑޮނީޝިޔާގައި ވަނީ އައު އަހަރުގެ އިޙްތިފާލްތައް ކެންސަލްކޮށްފަ އެވެ. އެއަރއޭޝިޔާ އެއަލައިންއަކީ މެލޭޝިޔާއަށް ނިސްބަތްވާ އެއަރލައިން އެއް ކަމަށްވާތީ މެލޭޝިޔާގައި ވެސްވަނީ އައު އަހަރުގެ އިޙްތިފާލްތައް ކެންސަލްކޮށްފަ އެވެ.

ޗައިނާގެ ޝެންހާއި އައު އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި އިޙްތިފާލްތަކުގައި ފިތިބާރުވެގެން 35 މީހުން މަރުވެ އެތަށްބަޔަކު މަރުވެފައިވެ އެވެ. ޝެންހާއިގެ ކަނޑުގެ އައްސޭރި ފަށުގައި ބޭއްވި މިއިހްތިފާލްތަކުގައި މީހުން ތާށިިވިގޮތް އަދިވެސްވަނީ ނޭންގުމެއްގެ ތެރޭގަ އެވެ. ނަމަވެސް މި ފިތި ބާރުވުމުގެ ފަހަތުގައިވަނީ މަސްތުވާ މިންވަރަށް ބައެއް މީހުން ބަނގުރާ ބޮޮއިގެން ތިބެ އަމަލުތަކެއް ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ޗައިނާގެ ސަރަހައްދެއް ކަމަށްވާ ހޮންގްކޮންގްގައި ވެސް ވަނީ އައު އަހަރުގެ ފަށުން ކުލަގަދަ ގޮތަކަށް ބާއްވާފަ އެވެ. ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވި އައު އަހަރުގެ ޙަފްލާތަކާއި ކުޅިމަޖާތަކުގައި ތިން މިލިޔަންމީހުން ބައިވެރިވެފައިވެ އެވެ.
އަރަބި ގައުމުތަކަށްބަލާއިރު ދުބާއިގާ ވަނީ މީލާދީ އައުއަހަރު ފެށުން އާދަޔާ ޚިލާފަށް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފަ އެވެ. މިގޮތުން ދުބާއިގެ މަޝްހޫރު ބުރުޖު ޚަލީފާ ޓަވަރުވަނީ ދުނިޔޭގެ އެންމެބޮޑު ސްކްރީން ގެ ގޮތުގައި ދުނިޔެއަށް ދައްކާލާފަ އެވެ. ބުރުޖު ޚަލީފާގެ ޓަވަރުންވަނީ ޔުނައިޓެޑް އަރަބް އިމަރޭޓްސް އާދަޔާ ޚިލާފު ކުރިއެރިގޮތް ކުރުގޮތަކަށް ވީޑިޔޯއިންނާއި ފޮޓޯއިން ދައްކާލާފަ އެވެ. ދުބާއިގެ ބުރުޖު ޚަލީފާގެ އިޙްތިފާލްތައް ދޮޅުމިލިޔަންމީހުން ބެލިކަމަށްވެ އެވެ.

ޔުރަޕްގެ ގައުމުތައް އައުއަހަރަށް މަރްޙަބާ ކިޔާފައި ވަނީ މިޔުޒިކާއި ނެށުމާއި ބަޑިބޭހުގެ ކުޅިވަރުތަކުންނެވެ. އެމެރިކާގެ ނިޔުޔޯކްގެ ރައްޔިތުން ގެންދަނީ އައުއަހަރަށް މަރްޙަބާ ކިޔުމުގެ ގޮތުން ކްރިސްޓަލް ބޯޅަ ބޭލުމުގެ ސަގާފީ ކުޅިވަރުބެލުމަށް ޓަކައި ޓައިމްސް މައިދާނަށް ޖަމާވަމުންނެވެ. ލެޓިން އެމެރިކާގެ ގައުމުތައް ބަލާއިރު އައު އަހަރު ފާހަގަ ކުރުމުގެ ގޮތުން ބްރަޒީލްގެ ރިއޮޑިޖިނޭރޯގެ ކުބާކަބާނާ އަތިރިމައްޗަށް މިލިޔަނަކަށް ވުރެ ގިނަ މީހުން ޖަމާވެ އުފާފާޅުކުރުމުގެ ޙަފްލާތައް ބާއްވާގޮތަށް ވަނީ ހަމަޖެހިފަ އެވެ. (ނޫސްއެޖެންސީތައް)