އާ އަހަރާއި ގުޅިގެން ހިންގާ "ޖަރީމާތައް" ހުއްޓުވުމަށް ފުލުހުން މިހާރު ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވަރަށް ބާރުގަދަ ބާވަތެއް ކަމަށްވާ އެލްއެސްޑީ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާއިން ބުނިގޮތުގައި މިރޭ 23:30 ހާއިރު އަމީރު އަޙްމަދު މަގުން ޒުވާން ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެމީހުން އަތުން ފެނިފައިވަނީ އެލްއެސްޑީ ކަމަށް ބެލެވޭ އެއްޗެހި ތަކެކެވެ.

އެމައްސަލާގެ އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

އެލްއެސްޑީއަކީ ވަރަށް މަދުން ރާއްޖެއިން ފެންނަ މަސްތުވާތަކެތީގެ ބާވަތެކެވެ. ވަރަސް ފަހަކުން ވަނީ ރާއްޖެއިން ފޭކް އެލްއެސްޑީތަކެއްވެސް ފެނިފައެވެ.

ނުރައްކާތެރި މަސްތުގެ ބާވަތް، އެލްއެސްޑީ ބޭނުންކުރުމުން ސިކުނޑީގެ އާންމު މަސައްކަތްތަކަށް ބޮޑު ބަދަލެއް ގެނެސް އެވަގުތު ނުހިނގާ އަދި ހަގީގަތެއް ނެތް ކަންކަން އަސްލު ކަމަށް ހީވާ ގޮތަށް ފެންނަ މަސްތުގެ ބާވަތެކެވެ.

ކެޕްސޫލާއި ޕެޗް ފަދަ ޑިޒައިންތަކަށް ހަދާފައި ހުންނަ އެލްއެސްޑީ ބޭނުން ކުރުމަކީ އެތައް ވޭނެއް ތަހައްމަލް ކުރަންޖެހޭ ކަމެކެވެ. އެގޮތުން ކެއުމާއި ނިންޖާއި ދުރުވުން ފާހަގަކޮށްލެވެއެވެ.