އާ އަހަރުގެ މަސްތައް އެތައް ބަޔަކު ގެނބިއްޖެ އެވެ. މަސްތުވާތަކެއްޗާއެކު އެވެ. އެންމެ ފޯރިގަދަޔީ ވެރިރަށް މާލޭގަ އެވެ. އެކި ސަރަހައްދުތަކުގައި އެކި ހަރަކާތްތައް ހިންގަމުން ދަނީ އެވެ. އާ އަހަރުގެ އުފާތައް "މެކުހަށް" ޖަހާފައިވާއިރު "ނުކިއްސަރު" ކަންތައްތައް ހާހުން ގިނަ އެވެ. މަސްތުގެ ހާލަތުގައި ތިބި 20 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ދިވެހިންގެ ދީނާއި ސަގާފަތްތަކާއި މުޅިން ހިލާފު ކަންތައްތަކެވެ. އެކަންކަން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުގެ ސަފުތައް ވަނީ މަގުތަކަށް ރުކުރުވާލާފަ އެވެ.

ވޭތިވެދިޔަ ހަފްތާއެއްހާ ދުވަހަށް ބަލާއިރު ފުލުހުން ވަނީ އެތައް ބަނގުރަލެއް އަތުލާފަ އެވެ. މިއީ އާ އަހަރު ފާހަގަކުރުމަށް ހިންގާ ނުކިއްސަރު ކަންކަން ހުއްޓުވުމުގެ ގޮތުން ކޮށްފައިވާ ކަންކަމެވެ. އެއާއެކު މިރޭ ފުލުހުންގެ އެތައް ބޭކަލުންނެއް ވަނީ ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފަ އެވެ. ބައެއް ގޭގެއަށް ކޯޓު އަމުރުގެ ދަށުން ވަދެ ބަލައި ފާސްކުރަމުންދާއިރު މަގުތައް މައްޗާއި އެކިއެކި ކާނިވަލްތަކުގައި ހިންގާ ކަންކަން ބަލައި ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ދަނީ ފޯރިއާއެކު ކުރަމުންނެވެ.

ފުލުހުން ބުނި ގޮތުގައި މިއަދު އިރުއޮއްސުނު ފަހުން ފުލުހުން ވަނީ ކޯޓު އަމުރުގެ ދަށުން ދެ ގެއެއް ބަލައި އަށް މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން އެއް ގެއިން ވަނީ 16 ފުޅި ބަނގުރާ ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމިޝަނަރު އޮފް ޕޮލިސްގެ ތަރުޖަމާނު އަހުމަދު ޝިފާނު ވިދާޅުވީ އާ އަހަރާ ގުޅިގެން ޕާޓީތަކާއި އެއްވުންތަކަށް ތައްޔާރުވަމުން އަންނަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާއިރު އެ ހުރިހާ ކަމެއް ފުލުހުން ބަލަމުން ދާނެ ކަމަށެވެ. އަދި ޝޯތަކުގައި ހުއްދަ ނޫން މިންގަނޑަކަށް އެއްވެސް އަމަލެއް ހިންގުމަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށާއި އެފަދަ އަމަލުތައް ހިންގާ ނަމަ ހުއްޓުވާނެ ކަމަށް ވިދާޅުވި އެވެ.

"ހުއްދަ ނޫން މިންގަނޑަކަށް އެއްވެސް ކަމެއް ކުރާކަށް ފުލުހުން ފުރުސަތެއް ނުދޭނަން. ހާއްސަކޮށް ފާހަގަކޮށްލަން ބޭނުންވޭ، މަސްތުވެ އެކި ކަހަލަ މަސަތުވާ އެއްޗިހި ބޭނުންކޮށް، ނިވާކަން ކުޑަކޮށް ދެ ޖިންސުގެ މީހުން ގައިގޯޅިވެ، މަސްހުނިވެ، އަދި ފާހިޝް އަމަލުތަކަށް މަގުފަހިވާ ކަހަލަ ކަންކަން ކުރާކަށް މޯލްޑިވްސް ޕޮލިސް ސާވިސް އަކުން ފުރުސަތެއް ނުދޭނަން،" ޝިފާން ވިދާޅުވި އެވެ.

ހުޅަނގުވެ ގައުމުތަކުގައި ހިންގާފަދަ މިފަދަ ކަންކަމީ މި އިސްލާމީ ގައުމުގައި ހިނގައިގެންވާނެ ކަންކަމެއް ނޫނެވެ. މި ރާއްޖޭގައި ފާހަގަކުރެވޭ ކަންކަމާއި ހިންގާ ކަންކަން ވެގެންދާންވާނީ އިސްލާމީ އުސޫލްތަކާއި ފުށު ނާރާ ކަންތައްތަކަށެވެ. މިއީ ދިވެހި ވަންތަކަމާއި މި ގައުމުގެ ސަގާފަތްތަކާ ވެސް ފުށުއަރާ ކަންކަމެވެ. މިކަން ހުއްޓުވަން ޖެހޭ ސަބަބުތައްވެސް ގިނައެވެ.

ހުޅަނގުގެ ބައެއް ގައުމުތަކާއި ހައްދު ފަހަނައަޅާފައިވާ ގޮތްގޮތަށް އާ އަހަރު ފާހަގަ ކުރާ ގައުމުތަކުގެ ތަޖުރިބާއިން މިފަދަ ފުރުސަތުތައް ދޭން ނުޖެހޭކަން ސާބިތުވެއެވެ. އެގައުމުތަކަށް ބަލާއިރު މިފަދަ ދުވަސްތައް ފާހަގަ ކުރުމުގެ ތެރެއިން އެތައް މާރާމާރީ އަކާއި އެތައް މަރެއްގެ ހާދިސާގެ އިތުރުން އެތައް ގެއްލުންތަކެއް ވެފައިވާކަން ތާރީހު ހެކިދެއެވެ. އަދި މިއީ އަހަރެމެންގެ ދީނާއި މުޅިން ހިލާފް ކަންތައްތަކެވެ.

ދީނީ އިލްމުވެރިއެއް ކަމަށްވާ ޑރ. މުހައްމަދު އިޔާޒު އަބުދުލް ލަތީފް ވިދާޅުވިގޮތުގައި އާ އަހަރު ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްރަކުގައި ބައިެވެރިނުވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ރާއްޖޭގެ ގިނަ އިސްލާމީ އިލްމުވެރިންވަނީ އެފަދަ ހަރަކާތްތައް ނުހިންގުމަށް ގޮވާލައްވާފައެވެ.

އާންމުވެފައި މި ވަނީ ހުތުރު އަދި ހަމަ ދެރަ ކަމެކެވެ. މިއީ މިފަދަ މުޖުތަމައުގަިއ ހިނގައިގެން ވާނެ ކަންކަމެއް ނޫނެވެ. ކޮންމެ ކަމެއްގައި ހައްދެއް އޮންނަން ވާނެއެވެ. ފުލުހުން ވަނީ އެފަދަ މައްސަލަތައް ހުއްޓުވުމަށް އަތުގުޅާލާފަ އެވެ. ނަތީޖާއެއްގެ ގޮތުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތައް ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.