05 Feb 2011, 01:07
އައްޑޫ ސިޓީ ކައުންސިލް އިންތިހާބަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ޑީއާރްޕީން ބުނެފި އެވެ.
ޑީއާރްޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ، ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން މާދަމާ ބާއްވާ އައްޑޫ ސިޓީ ކައުންސިލްގެ އިންތިހާބަށް ފުރިހަމަ އަށް އެއްބާރުލުން ދޭން ނިންމައިފައިވަނީ، އެ ސިޓީ ކައުންސިލަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ އިންތިހާބަށް އުނިކަމެއް އަޔަނުދިނުމަށްޓަކައި ކަމަށެވެ.
ނަމަވެސް، ވަކި މުއްދަތެއް ނެތް ގޮތަށް އައްޑޫ އިންތިހާބު ފަސްކުރުމަށްފަހު، ލޯކަލް ކައުންސިލް އިންތިހާބު ފެށުމަށް 12 ގަޑިއިރަށްވެފައިވަނިކޮށް، އަލުން އެ އިންތިހާބު ބޭއްވުމަށް ހަމަޖެއްސުމުން، އެ ދާއިރާއިން ކުރިމަތިލާ ޑީއާރްޕީގެ ކެންޑިޑޭޓުންގެ ކެމްޕޭނަށް ހީނަރުކަމެއް ލިބިފައިވާ ކަމަށް ވެސް ޑީއާރްޕީން ބުންޏެވެ.
"މިގޮތަށް އެއްބާރުލުން ދިން ނަމަވެސް، އައްޑޫ ސިޓީ ކައުންސިލް އިންތިހާބު އެ ތާރީޚުގައި ނޯންނާނެ ކަމަށް އިއުލާނުކުރެއްވުމަށްފަހު އިންތިހާބު ބޭއްވުމަށް 12 ގަޑިއިރަށް ވެފައިވަނިކޮށް އިންތިހާބު ހަމަ އެ ތާރީޚުގައި ބާއްވާ ގޮތަށް ހަމަޖެއްސުމުން ޑީއާރްޕީގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭނަށް ހީނަރުކަން ލިބިފައިވާ ވާހަކަ މި ފުރުސަތުގައި ހިތާމައާއެކު ދެންނެވީމެވެ." ޑީއާރްޕީގެ ނޫސްބަޔާނުގައި ވެއެވެ.
މާދަމާ ހެނދުނު 8:00 ފަށާ ލޯކަލް ކައުންސިލް އިލެކްޝަންސްގައި އިންތިހާބުކުރާ ހަ ގޮނޑީގެ އައްޑޫ ސިޓީ ކައުންސިލަށް 19 ކެންޑިޑޭޓުން ވާދަކުރައްވާއިރު، އޭގެ ތެރެއިން ފަސް ކެންޑިޑޭޓުން ކުރިމަތިލައްވާފައިވަނީ ޑީއާރްޕީ ޓިކެޓުގަ އެވެ.