01 Jan 2015, 00:44
ވޭތުވެދިޔަ އަހަރު ރާއްޖެއަށް 1.4 މިލިއަން ޓޫރިސްޓުން އައުމުން އެކަން ވަރަށް ކުލަގަދަކޮށް މިރޭ ފާހަގަކޮށްފި އެވެ.
ޓޫރިސްޓް އެރައިވަލްޓް ކައުންޑައުން ޝޯގެ ނަމުގައި ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ބޭއްވި ޝޯގައި އާންމު ކުރި ތަފާސްހިސާބުން ދައްކާ ގޮތުން މިދިއަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރީ 1،450،637 ޓޫރިސްޓުންނެވެ. އެއީ 2013 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންނަށް ވުރެ 17 ޕަސެންޓް އިތުރު އަދަދެކެވެ.
ދެހާސް ތޭރަ އަހަރު ރާއްޖެ އަށް ވަނީ 1.2 މިލިއަން ޓޫރިސްޓް ޒިޔާރަތްކޮށްފަ އެވެ.

ޓޫރިސްޓް ކައުންޓްޑައުން ޝޯގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވާހަކަފުޅު ދައްކަވާއިރު، އަރިހުގައި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އެއް މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމުގެ އަމާޒަކީ 2012 ވަނަ އަހަރު ވެސް ޓޫރިޒަމް މިނިސްޓްރީ އިން ގެންގުޅުނު އަދި ބުރަ މަސައްކަތްތަކެއް ނެރުނު އަމާޒެކެވެ. ދެހާސް ބާރަ ވަނަ އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 958,027 އެވެ. އެއީ ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅި އެއް މިލިއަންގެ ޓާގެޓަށް ވުރެ 41973 ޓޫރިސްޓުން މަދު އަދަދެކެވެ.
1.4 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ވޭތިވެދިޔަ އަހަރު ރާއްޖެ އަށް އައިސްފައިވާ އިރު ބޮޑު ބައެއް ހިއްސާ ކޮށްފައި ވަނީ އޭޝިއާ އާއި ޔޫރަޕުގެ ގައުމުތަކުންނެވެ. އެންމެ ގިނައިން ޓޫރިސްޓުން އައި ގައުމެއް ކަމަށް ނޮވެމްބަރު މަހުގެ ތަފާސް ހިސާބްތަކުން ދައްކަނީ ޗައިނާ އެވެ.

ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ އިގްތިސާދު ފުޅާކޮށް ކުރިއަރުވަން ކަމަށާއި ކުރިއަށް އޮތް އަހަރުތަކަށް އިގްތިސާދު ލަފާކުރެވޭ ގޮތުގައި ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާ ކުރާ މިންވަރުކަމުގައިވާ 1.2 މިލިއަންނަށް ވުރެ ޓޫރިސްޓުން އަންނަ މިންވަރު އިތުރުކުރެވޭނެ ކަމަށެވެ.
ޓޫރިސްޓުން އައި މިންވަރުބެލުމަށާއި އާ އަހަރު ފެށުމާ މުނާސަބަތުކޮށް، މިހާރު ގަލޮޅު ދަނޑުގައި ކުރިއަށްގެންދާ ސުޓޭޖް ޝޯގައި ވަނީ ތަފާތު ބޭންޑްތަކުން ލަވަތައް ހުށައަޅާދީފަ އެވެ. އެޝޯ ބައްލަވާލެއްވުމަށް ބައެއް މިނިސްޓަރުންނާއި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފަ އެވެ. އަދި ފޯރިގަދަ ހަވާ އެރުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯއަށް އެއްވެ ތިބި މީހުން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން