މަޝްހޫރު ހިޕްހޮޕް އަދި އާރްއެމްބީ ލަވަކިޔުންތެރިޔާ އޭކަން މި މަހު 8 ގައި ރާއްޖޭގައި ބާއްވާ ޝޯއަކަށް އަންނާނެ ކަމަށް ބުނެފި އެވެ.

ގައުމީ ފުޓް ބޯޅަ ދަނޑުގައި މިހާރު ކުރިއަށްދާ "ޓޫރިސްޓް އެރައިވަން ކައުންޑައުން ޝޯ"ގައި އާންމު ކުރި އޭކަންގެ ވީޑިއޯއެއްގައި އޭކަން ވަނީ މި މަހު 8 ގައި ރާއްޖޭގައި ބާއްވާ ޝޯގައި ބައިވެރިވާނެކަން ކަށަވަރުކޮށްދީފަ އެވެ. އަދި އެ ބޮޑު ޝޯގައި އޭނާ ބައިވެރިވެ ލަވަކިޔާނެ ކަމަށް ބުންޏެވެ.

ހިޕްހޮޕް އަދި ރެޕްްގެ އިތުރުން އާރްއެމްބީ ލަވަކިޔުންތެރިޔާ އެކޮން އަކީ ބިލްބޯޑް "ހޮޓް 100"ގައި ފުރަތަމަ ފަހަރަށް އޭނާގެ ލަވައެއް އެއް ވަނަ އާއި ދެ ވަނަ ޖާގައިގައި ޖައްސަ ޖައްސައިންގެ ހޯދި އާޓިސްޓެވެ. އޭނާގެ ތިން ލަވައެއް ތިން ފަހަރަކަށް ޕްލެޓިނަމް ވެފައިވާއިރު ތިން ލަވައެއް ދެ ފަހަރަށް ޕްލެޓިނަމް ވެފައިވެ އެވެ. އަދި އޭނާގެ 10 އަކަށްވުރެ ގިނަ ލަވަ ވަނީ އެއް ފަހަރަށް ޕްލެޓިނަމް ވެފަ އެވެ. އޭނާއަކީ އެންމެ ގިނައިން މާސްޓާ ރިންގްޓޯންގެ ގީނެސް ވޯލްޑް ރެކޯޑްވެސް ހޯދާފައިވާ ލަވަކިޔުންތެރިޔެކެވެ.