ދެހާސް ސާދަ ވަނަ އަހަރަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި މުހިންމު ކާމިޔާބީތަކެއް ހާސިލު ކުރެވުނު އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ޔާމީން ވިދާޅުވީ ނިމިގެން މިދިޔަ 2014 ވަނަ އަހަރު ވެގެންދިޔައީ، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއި އެކަލާނގެ މިންވަރުފުޅުން، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފާގަތި އުފާވެރި އަހަރެއް ކަމަށެވެ. އަދި ރައްޔިތުންނަށް ބުރައާއި ތަކުލީފު އިޙްސާސްކުރަން ޖެހިފައިވާ އެތައް ކަމަކަށް އެކަށީގެންވާ ޙައްލުތަކެއް ހޯދައިދެވުނު އަހަރެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ހަމަ އެހެންމެ، 2014 ވަނަ އަހަރަކީ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ހޯދައިދެވުނު އަހަރެއް ކަމަށް ރައީސް ޔާމީންގެ ހިތާބުގައި ވިދާޅުވި އެވެ.

"ދެހާސް ސާދަ ވަނަ އަހަރުވެގެން ދިޔައީ، އިގްތިޞާދީ ގޮތުންވެސް ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު އަހަރަކަށްކަން އަޅުގަނޑު އުފަލާ އެކު ފާހަގަކުރަމެވެ. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވި އިރު، ރާއްޖޭގެ އިގްތިޞާދު އޮތީ ވަރަށް ނާޒުކު ހާލަތެއްގަ އެވެ. އެހެންކަމުން، ސަރުކާރުން އެންމެ ބޮޑު އެއް އިސްކަމެއްދިނީ، އިޤްތިޞާދީ ގޮތުން ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ، މާތްﷲގެ އިރާދަފުޅާއެކު ދަނީ ފެންނަމުންނެވެ." ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.

އިތުރަށް ރައީސް ޔާމީންގެ ހިތާބުގައި ވިދާޅުވެފައި ވަނީ ސަރުކާރުގެ މެނިފެސްޓޯގެ އެންމެ މުހިއްމު އެއް އަމާޒަކީ، ޒުވާނުން ކަމަށާއި އެކިއެކި ވަޒީފާތަކަށް ޒުވާނުން ނެރުމަށް ޓަކައި ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކޮށް، މުޖުތަމަޢަށް ފައިދާކުރަނިވި ބަޔަކަށް ޒުވާނުން ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ސަރުކާރަށް 2014 ވަނަ އަހަރުގައި ކުރެވިފައިވާ ކަމަށެވެ. އަދި ޒުވާނުންނަށް، މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ތަނަވަސްކޮށް ދިނުމަށާއި ޒުވާނުންނާ ގާތުން ޚިދުމަތްދީ، ބާރުވެރިކުރުވުމަށާއި އެކި ވަސީލަތްތައް ތަރައްގީ ކުރުމަށް ބޮޑެތި ޚަރަދުތަކެއް 2014 ވަނަ އަހަރު ކުރެވިފައިވާ ކަމަށް ރައީސް ޔާމީންގެ ހިތާބުގައި ވަނީ ވިދާޅުވެފައި އެވެ.

"މިއަދު މި ފެށުނު، މިނިވަންކަމުގެ ރަންޔޫބީލް އަހަރަކީ ވެސް، މާތްﷲގެ ވާގިފުޅާ އެކު، އިރާދަކުރެއްވިއްޔާ ތަރައްޤީގެ އާ އުސްމިންތަކަކަށް ޤައުމު ގެންދެވޭނެ އަހަރަކަށް ވެގެންދާނެ އެވެ. އެގޮތުން ބަލާއިރު، ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްދެއްވި ބަޖެޓަކީ، ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ހަމަޖެހިގެންދާނެ، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ފެށި، އެ މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް އިތުރު ދިރުން ލިބިގެންދާނެ ބަޖެޓެއްވެސްމެ އެވެ." ރައީސް ޔާމީން ވިދާޅުވި އެވެ.

އަދި 2015 ވަނަ އަހަރަކީ، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި އަދި ޤައުމީ ތަރައްގީގެ މަގުގައި އިތުރު ހަރުފަތްތަކެއް ހާސިލު ކުރެވޭނެ އަހަރަކަށް ވެގެންދާނެ ކަމަށް ރައީސް ޔާމީންގެ ހިތާބުގައި ވަނީ ވިދާޅުވެފައި އެވެ.