31 Dec 2014, 23:43
އެއާ އޭޝިއާގެ މަތިންދާބޯޓް ކިއުޒެޑް 8501 ހޯދުމަށް ބަލަމުން އަންނަ ކަނޑުގެ ސަރަހައްދުން މަރުވެފައިވާ ތިން މީހަކު ނެގި އިރު އެމީހުން ތިބީ އަތާއި އަތް ގުޅުވައިގެން ކަމަށް އެ ސަރަހައްދު ބަލަމުން ދިޔަ ޕައިލެޓެއް ބުނެފި އެވެ.
ވެއްޓުނު މަތިންދާ ބޯޓުގެ އެތިކޮޅުތަކެއް ފެނުނު ޕައިލެޓް ލިއުޓޭނެންޓް އެއާމެން ޓްރައި ވޮބޮވޯ ބުނީ އަތުގުޅުވައިން ތިބި ތިން މީހުން ފެނިފައި ވަނީ އެސަރަހައްދުން ނެގި އަށެއްކަ މީހުންގެ ތެރެއިން ކަމަށެވެ.
"އެސަރަހައްދުން ނެގި ހަތެއް ނޫނީ އަށް މީހުން. އެމީހުންގެ ތެރެއިން ތިން މީހުން ތިބީ އަތުގުޅުވައިގެން،" އޭނާ ބުންޏެވެ.
މަރުވެފައިވާ މީހުންގެ ހަށިގަނޑު ފެނުނު ހިސާބުން ބޯޓުގެ އެތިކޮޅުގެ އިތުރުން ފަސިންޖަރުންގެ ލަގެޖުތައް ވެސް ހުރި ކަމަށް އޭނާ ބުންޏެވެ.
އާދިއްތަ ދުވަހުގެ ފަތިހު ގެއްލުނު އެ މަތިންދާ ބޯޓުގެ މައިގަނޑު މިހާރު ވަނީ ކަނޑުއަޑިން ފެނިފަ އެވެ. އިންޑޮނޭޝިއާގެ ނޫސްތަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ މަތިންދާބޯޓުގެ މައިގަނޑުގެ ސޯނާ އިމޭޖެއް ލިބިފައިވާ ކަމަށެވެ. އަދި ބުނީ އެ އިމޭޖަށް ބަލާ އިރު މަތިންދާބޯޓުގެ މައިގަނޑު އޮތީ 20 ނޫނީ 30 މީޓަރު ( 78 ފޫޓް ނުވަތަ 98) އަށް ފޫޓް އަޑީގައި ކަމަށެވެ.
އިންޑޮނޭޝިއާ އިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި އެއާ އޭޝިއާގެ މަތިންދާ ބޯޓް ވެއްޓުނީ 162 މީހުންނާ އެކު އެވެ. އެ ބޯޓުން ދަތުރު ކުރީ ފަޅުވެރިންގެ އިތުރަށް، އިންޑޮނޭޝިޔާގެ 149 ފަސިންޖަރުންނާއި ކޮރެއާގެ ތިން މީހަކާއި އިންގިރޭސި ރައްޔިތަކާއި ސިންގަޕޫރު ރައްޔިތެއްގެ އިތުރަށް މެލޭޝިޔާ ރައްޔިތަކު ކަމަށެވެ.
އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ ހާދީ މުސްތަފާ ވިދާޅުވެފައި ވަނީ މަތިންދާބޯޓާ ގުޅުން ކެނޑުނީ ސިންގަޕޫރާ ސުރަބަޔާ ޖަޒީރާއާ ދެމެދު އޮންނަ ޖާވާ ކަނޑުގެ މަތިން އުދުހެނިކޮށް ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ ގުޅުން ކެނޑުމުގެ ކުރިން މަތިންދާބޯޓުން އެދިފައި ވަނީ އާއްމުކޮށް ދަތުރު ނުކުރާ މަގަކުން ދަތުރުކުރުމަށް ކަމަށެވެ. އެއީ މޫސުން ގޯސްވުމުން ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.