31 Dec 2014, 23:05
މެޑިކަލް ޓެސްޓެއް ހެދުމަށް ސައުދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒު މިއަދު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.
ސައުދީ ޕްރެސް އޭޖެންސީއާ ހަވާލާދީ ސީއެންއެން އިން ބުނީ ރަސްގެފާނު އެޑްމިޓް ކުރީ ވެރިރަށް ރިޔާޒުގައި ހުންނަ ނޭޝަނަލް ގާޑް ހޮސްޕިޓަލްގައި ކަމަށެވެ. ރަސްގެފާނުގެ ސިއްހީހާލުކޮޅާ އިތުރު ތަފްސީލެއް ނުދެ އެވެ.
ވޮޝިންގްޓަންގައި ހުންނަ ސައުދީ އެމްބަސީ އިން ބުނީ، ރަސްގެފާނު އަބްދުﷲ،90، އުފަންވެވަޑައިގެންފައި ވަނީ 1924 ވަނަ އަހަރު ރިޔާޒުގައި ކަމަށެވެ.
އަބްދުﷲ އަަށް ވަލީއަހުދުގެ މަގާމު ލިބިވަޑައިގަތީ 1982 ވަނަ އަހަރު އެވެ. އަދި ރަސްކަން ލިބިވަޑައިގަތީ، އަބްދުﷲ އާ އެއްބަފާ ބޭބެ ފަހުދު ބުނު އަބްދުލްއަޒީޒު އަވަހާރަވުމުން 2005 ވަނަ އަހަރު އެވެ. އެކަމަކު ފަހުދަށް ސްޓްރޯކެއް ޖެހިވަޑައިގަތުމުން 1996 ވަނަ އަހަރުން ފެށިގެން އަމަލީ ގޮތުން ގައުމު ހިންގަވަމުން އަންނަނީ އަބްދުﷲ އެވެ. ގާތްގަނޑަކަށް 10 އަހަރު ވަންދެން އެގޮތަށް ވެރިކަން ކުރެއްވި އިރު ސައުދީއެރެބިޔާ އިސްލާހަށް ހުޅުވާލެއްވުމުގެ މަސައްކަތް އަބްދުﷲ ފެއްޓެވި އެވެ.
އަދި ރަސްމީކޮށް ރަސްކަމުގެ ތާޖު ލިބިވަޑައިގަތުމަށް ފަހު، މިނިވަންކަން ބޮޑަށް ހުޅުވާލައްވައި ތެލުގެ މުއްސަނދިކަން ބޭނުން ކުރައްވައިގެން ތައުލީމު ކުރިއަރުވައި އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ފެއްޓެވި އެވެ. ނަމަވެސް ދީނީ ހަރުކަށި މީހުންގެ ފިއްތުމާ އެކު ރަސްގެފާނު ބޭނުންފުޅުވި ވަރަކަށް މިނިވަންކަން ހުޅުވައެއް ނުލެވުނެވެ. ނަތީޖާއެއްގެ ގޮތުން އަންހެނުންނަށް މާޔޫސްކަން ގެނުވި އެވެ.