ރާއްޖޭގައި 11 އަހަރަށް ފަހު އަންނަ އަހަރު ބާއްވަން ރާވާފައިވާ ޕްރެސިޑެންޓް އޮފް މޯލްޑިވްސް އިންވިޓެޝަނަލް ސޮކާ ކަޕް (ޕޮމިސް ކަޕް)ގައި ބައިވެރުވުމުގެ ދައުވަތު ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) މިހާރު ކުޅެމުން އަންނަ މެލޭޝިއާގެ ޕީޑީއާރްއެމުން ގަބޫލުކޮށްފި އެވެ.

ޕީޑީއާރްއެމުން ޕޮމިސް ކަޕްގައި ބައިވެރިވުމުގެ ދައުވަތު ގަބޫލުކޮށްފައި ވާކަން ހާމަ ކޮށްފައި ވަނީ މިރޭ ދަގަނޑޭ އޭނާގެ ފޭސްބުކް ޕޭޖުގައި ޕޯސްޓު ކުރި ލިޔުމަކުންނެވެ. ދަގަނޑޭގެ އެ ޕޯސްޓުގައި ބުނެފައި ވަނީ އޭނާ ކުޅެމުން އަންނަ ކްލަބް ޕީޑީއާރްއެމް އިން ރާއްޖޭގެ ޕޮމިސް ކަޕްގައި ބައިވެރިވުމަށް ދެވުނު ދައުވަތު ގަބޫލްކޮށްފައިވާ ކަމަށެވެ.

ދަގަނޑޭ ބުނެފައި ވަނީ ޕޮމިސް ކަޕްގައި ބައިވެރިވުމަށް އަންނަ ޖެނުއަރީ 21 ވަނަ ދުވަހު ޕީޑީއާރްއެމް ރާއްޖެ އަންނާނެ ކަމަށެވެ.. އަދި ގިނަ ދުވަސްތަކަކަށް ފަހު ދިވެހި ސަޕޯޓަރުންގެ ކުރިމަތީ ރާއްޖޭގެ ގައުމީ ސްޓޭޑިއަމްގައި ކުޅެލަން ލިބޭ އެ ފުރުސަތަށް އޭނާ ވަރަށް އުފާކުރާކަމަށް ވެސް ދަގަނޑޭ ބުނެފައިވެ އެވެ.

ދަގަނޑޭގެ ލަނޑުތަކާއެކު ޕީޑީއާރްއެމް މިއަހަރު މެލޭޝިއާގެ ސުޕާ ލީގަށް ޕްރޮމޯޓްވެފައި ވާއިރު، ދަގަނޑޭގެ ހުނަރުވެރި ކަމަށް ތައުރީފުކޮށްފަ އެވެ. އަދި މި އަހަރުތެރޭ ދަގަނޑޭ އެ ކްލަބާއެކު ވެފައިވާ އެއްބަސްވުން ދެ އަހަރު ދުވަހަށް އިތުރުކޮށްފައިވާއިރު، އެ ކްލަބުން ވެސް އަންނަނީ އަންނަ އަހަރުގެ ފެބްރުއަރީގައި ފެށުމަށް ހަމަޖެހިފައިވާ މެލޭޝިއާގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވަމުންނެވެ.

ޕީޑީއާރްއެމްގެ އިތުރުން ކުވައިތާއި ބަހުރެއިންގެ ކްލަބުތަކަށް ވެސް ޕޮމިސް ކަޕަށް ދައުވަތު ދީފައިވާއިރު، އެ މުބާރާތަށް ސިންގަޕޫރުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު ވެސް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

އެންމެ ފަހުން ރާއްޖޭގައި 2003 ވަނަ އަހަރު ބޭއްވި ޕޮމިސް ކަޕް އަންނަ އަހަރުގެ ޖެނުއަރީ ފަހުކޮޅު ފަށަން އެފްއޭއެމުން ތާވަލްކޮށްފައިވާއިރު، އެ މުބާރާތަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ އެންމެ ކުރީގައި އުޅޭ ހަތަރު ކްލަބާއި ބޭރުން ދައުވަތު ދެވޭ ދެ ކްލަބެއް ވާދަ ކުރާ މުބާރާތެކެވެ. އެ މުބާރާތް ރޭއްވިފައިވާ ގޮތުން މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ މެދުގައި އެއް ރައުންޑް ކުޅުމަށްފަހު އެންމެ މަތިން ޕޮއިންޓް ހޯދާ ދެ ޓީމްގެ މެދުގައި ފައިނަލް ކުޅޭނެ އެވެ.