ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ވޮލީ ޓީމަށް މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ ސޮއި ކޮށްފި އެވެ. އޭނާ އިމިގްރޭޝަން ޓީމާ ގުޅުނޫ އަންނަ އަހަރުގެ ގައުމީ ވޮލީ ބޯޅަ މުބާރާތުގައި ކުޅޭ ގޮތަށެވެ.

ހިތްވަރު ދިނުމުގެ ގައުމީ އިނާމް ވެސް މިދިޔަ އަހަރު ހާސިލްކޮށްފައިވާ ނާޒިމާ އިމިގްރޭޝްންގެ ޓީމަށް ސޮއިކޮށްފައި ވަނީ މިއަދު އިމިގްރޭޝަންސްގެ އޮފީހުގައި އެ ކަމަށް ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

ނާޒިމާ ސޮއި ކުރި ރަސްމިއްޔާތުގައި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ހަސަން އަލީ ވިދާޅުވީ ނާޒިމާ އިމިގްރޭޝަންސްގެ ޓީމަށް ސޮއިކުރުމުން ޓީމަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނެ ކަމަށެވެ. އިމިގްރޭޝަން ޓީމަށް ރަނގަޅު ކާމިޔާބީއެއް ހޯދައިދިނުމަށް ކޮންޓްރޯލާ ވަނީ ނަޒިމާގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ސަން އެފްއެމްގެ ކުޅިވަރު ޝަހުސިއްޔަތުގެ އެވޯޑުވެސް ހާސިލްކޮށްފައިވާ ނާޒިމާ އެ ރަސްމިއްޔާތުގައި ބުނީ އިމިގްރޭޝަންސްގެ ޓީމާއި އޭނާ ގުޅުނީ އެ ޓީމަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައި ދިނުމުގެ އުންމީދުގައި ކަމަށާއި އެ ޓީމްގައި އަންނަ އަހަރު ރަނގަޅު ކާމިޔާބީތަކެއް ހޯދުމަކީ އޭނާގެ އަޒުމެއް ކަމަށެވެ.

"ސަން"އަށް މައުލޫމާތު ދެމުން އިމިގްރޭޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނާޒިމާގެ އިތުރުން އަންނަ އަހަރު އިމިގްރޭޝަންސް ޓީމަށް ބިދޭސީ ދެ ތިން ކުޅުންތެރިއަކު ވެސް ގެންނަން މަސަކަތް ކުރަމުން ދާ ކަމަށާއި، އޭގެ އިތުރުން ރާއްޖޭގެ ކުޅުންތެރިން ވެސް އެ ޓީމަށް ގެނެވުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.