ޅ.ނައިފަރުގައި ވޯޓުލައި މަރުކަޒު ތަށް ކައިރީ މިހާރުއްސުރެ މީހުން ކިޔޫ ޖެހެން ފަށައިފި އެވެ.

ނައިފަރުން ވާހަކަ ދެއްކި މީހަކު ބުނީ، މިރޭ 8:00 ފެށިގެން މީހުން ކިޔު ޖައްސަން ފަށާފައިވާ ކަމަށާއި އަދި އެގޮތަށް ކިޔު ގައި ޖެއްސުމަކީ އެރަށުގައި އާންމު ކަމެއް ކަމަށެވެ. އަދި އާންމު ކޮށް އެގޮތަށް ކިޔު ޖެހެނީ އެރަށުގެ މަސްވެރިން ކަމަށާއި އެމީހުން ކިޔޫ ޖެހެނީ އަވަހަށް ވޯޓުލާފައި މަހަށް ފުރުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ބުންޏެވެ. އެމީހާ އަދި ބުނީ އެންމެ ފުރަތަމަ ވޯޓުލުމަކީ އެރަށު މީހުން ވަރަށް ބޮޑަށް ބޭނުންވާ އަދި ފަޚުރުވެރިވާ ކަމެއް ކަމަށެވެ.

"އެއީ އާންމު ކަމެއް މިރަށުގައި. އަދި އެއްވަނަ ދެވަނަ ތިން ވަނަ އަށް ވޯޓު ލުމުގެ ފަޚުރު ލިބޭތޯ މީހުން އުޅޭ" ނައިފަރުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނައިފަރުގައި ހުރި ހަތަރު ސްކޫލެއްގައި ވަނީ ވޯޓު ފޮށި ބަހައްޓައިފަ އެވެ. އަދި ކޮންމެ ވޯޓު ފޮށްޓެއް ކައިރީ ވެސް ދެތިން ހަތަރު މީހަކު ކިޔު ޖައްސާފައި ތިބި ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެމީހުން އެތަނުން ދުރަށް ދިއުމަށް ފުލުހުން އިލްތިމާސްކުރި ނަމަވެސް، އެތަނުން ދުރަށް ނުދާނެ ކަމަށް ބުނެ، އެމީހުން އަދިވެސް ކިޔޫގައި މަޑުކޮށްގެން އެބަތިބި ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، އެހާ އަވަހަށް މީހުން ކިޔުގައި ޖެހެން ފެށުމުން ރަށުގެ ބަޔެއް މީހުން ހިތްހަމަނުޖެހުން ފާޅުކުރި ކަމަށެވެ. ނަމަވެސް ވޯޓުލުމަށް ކިޔުގައި ޖައްސަން ވަކި ގަޑި އެއް އިލެކްޝަނުން ބުނެފައި ނުވާތީ މިހާރުއްސުރެ ކިޔޫގައި ޖެހިގެން ތިބުމުގައި އެއްވެސް މައްސަލައެއް ޖެއްސެން ނޯންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

ނައިފަރު ކައުންސިލްގެ ހަތް ގޮނޑިއަށް 19 މީހަކު ވަނީ ކުރިމަތިލައިފަ އެވެ. އަދި އެރަށުން އަތޮޅު ކައުންސިލަށް އިންތިޚާބު ކުރަންޖެހޭ ދެ ގޮނޑި އަށް ފަސް މީހަކު ވަނީ ކުރިމަތިލައިފަ އެވެ.