31 Dec 2014, 17:58
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރޭ ރަން ދިހަ ފަހެއް ނޫޓުގެ ޑިޒައިން ހުށަހެޅުމުގެ މުއްދަތު މިރޭ 10:00ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.
އެމްއެމްއޭގެ މީޑިއާ އޮފިޝަލް "ސަން"އަށް މިއަދު ވިދާޅުވީ ޑިޒައިން ހުށައެޅުމުގެ މުއްދަތު މިއަދު 6:00 އަށް ހަމަވާނެ ކަމަށް ކުރިން އިއުލާންކޮށްފައި ވީނަމަވެސް އެ މުއްދަތު މިރޭ 10:00ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްއެމްއޭގެ ކައުންޓަރުން ވެސް 10:00 ޖަހަން ދެން ޑިޒައިންތައް ބަލައިގެންނާނެ ކަމަށް ވިދާޅުވި އެވެ.
"ރަންދިހަ ފަހެއް" ސީރީޒްގެ ނަމުގައި ނެރުމަށް ނިންމާފައިވާ ދިވެހި ރުފިޔާގެ ނޫޓް ސެޓް ޑިޒައިންކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އާންމުންނަށެވެ. އަދި ދިވެހި ރުފިޔާގެ އެ ނޫޓް ސެޓްގައި މުޅިންއާ އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް ހިމެނޭނެ ކަމަށާއި މިހާރު ބޭނުން ކުރާ ނޫޓްތަކުގައި ހުންނަ ޑިޒައިންގެ ބަދަލުގައި އެ ނޫޓްތަކުގައި ހުންނާނީ މުޅިން އާ ޑިޒައިނެއް ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.
ނޫޓްސެޓް ޑިޒައިން ކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ އިރު އެންމެ ރަނގަޅު ކޮންސެޕްޓެއް ހުށަހަޅާ ފަރާތަކަށް، 400،000 ރުފިޔާގެ ދޭން އެމްއެމްއޭ އިން ވަނީ ނިންމައިފަ އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި މުޅިން އާ ނޫޓް ސެޓެއް ނެރެން ނިންމީ، ދިވެހި ރުފިޔާގެ ނޫޓުތަކުގައި ހިމެނޭ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރެވެން އޮތީ މިހާރު ގެންގުޅޭ ނޫޓްގެ ބަދަލުގައި މުޅިން އާ ނޫޓްތަކެއް ތަފާތު ޑިޒައިނަކާއެކު ތައާރަފުކޮށްގެން ކަމަށެވެ.