31 Dec 2014, 17:32
ބަލި މީހުންގެ މައުލޫމާތު ރައްކާ ކުރާ ނިޒާމެއް ގާއިމް ކުރުމަށާއި ޖެނެރަލް ޕްރެކްޓީޝަނާ (ޖީޕީ) ގެ ޚިދުމަތް ފެށުމަށް ހެލްތު މިނިސްޓްރީ އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއެކު އެމްއޯޔޫގައި ސޮއިކޮށްފި އެވެ.
"ޕޭޝަންޓް ރެކޯޑް އާކައިވިން ސިސްޓަމް" ސަބަބުން ކަރުދާހުގައި ބަލި މީހުންގެ މައުލޫމާތު ރައްކާ ކުރުން ދޫކޮށް، ޓެކްނޮލޮޖީގެ އެހީގައި ކޮންޕިއުޓަރައިޒް ނިޒާމެއްގެ ދަށުން ބަލި މީހުންގެ މައުލޫމާތު ރައްކާ ކުރެވޭނެ އެވެ. އަދި ޖީޕީގެ ހިދުމަތް ތައާރަފް ކުރުމުން، ޖެނަރަލް ޕްރެކްޓީޝަނާ (ޖީޕީ)ގެ ރިފަރެންސެއް ހެދުމަށް ފަހުގައި ނޫނީ ސްޕެޝަލިސްޓް ޑޮކްޓަރަކަށް ނުދެއްކޭނެ އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ. އެންސްޕާގެ ފަރާތުން ސޮއި ކުރެއްވީ އެ އެޖެންސީގެ ސީއީއޯ މުޖުތަބާ ޖަލީލެވެ. އެލައިޑް އިންޝުއަރެންސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު ނިޔާޒު މުހައްމަދެވެ.
ސޮއި ކުރެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ނާޒިމު ވިދާޅުވީ އެ ނިޒާމުގެ ދަށުން ބަލި މީހާ ފުރަތަމަ ދައްކަން ޖެހޭނީ ޖީޕީއަކަށް ކަމަށެވެ. އެ އަށްފަހު އެ ޖީޕީގެ ރިފަރެންސެއް ހެދުމަށް ފަހުގައި ނޫނީ ސްޕެޝަލިސްޓް ޑޮކްޓަރަކަށް ނުދެއްކޭނެ ކަމަށާއި އެއީ ސިއްހީ ދާއިރާއަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ނިޒާމެއް ކަމަށެވެ.
"މި ނިޒާމުގެ ދަށުން ރާއްޖޭގެ ކޮންމެ ހޮސްޕިޓަލަކުން ޑޮކްޓަރަށް ދެއްކި ނަމަވެސް އަދި ބަލިމީހާ އެ އިން ކޮންމެ ތާކު ހުރި ނަމަވެސް ޑޮކްޓަރަކު އޭނާގެ ސިސްޓަމްގައި ބަލި މީހާގެ އައިޑީކާޑު ނަންބަރު ޖެހުމުން އެ މީހަކު ކުރިން ދައްކާފައި ހުރި ޑޮކްޓަރުންނާއި ދީފައި ހުރި ބޭސްތަކާ ބެހޭ ތަފްސީލުތަށް މި ސިސްޓަމުގެ ތެރެއިން ފެންނަން ހުންނާނެ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ މި ހުރިހާ ދުވަސްވަންދެން ބަލި މީހާގެ ހުރިހާ މައުމޫލާތެއް ރައްކާކުރެވުފައި ވަނީ ކަރުދާހުގައި ކަމަށެވެ. ނަމަވެސް އެ ނިޒާމުން ޒަމާނީ ޓެކްނޮލޮޖީގެ ނިޒާމަކަށް އެފަދަ ކަންކަން ބަދަލު ކުރަން ޖެހޭ ކަމަށާއި އޭގެ ސަބަބުން މަސައްކަތްތައް އަވަސްވެ، މަސައްކަތަށް އިތުރަށް އިތުބާރު ލިބިގެންދާނެ ކަމަށް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.
މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން ތަރައްގީ ކުރާ ޖީޕީ ރަޖިސްޓްރޭޝަން އަދި ޕޭޝަންޓް ރެކޯޑް އާކައިވިން ސިސްޓަމް ހަތަރު މަސް ދުވަހުގެ ތެރޭގައި ތަރައްގީ ކުރެވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.