31 Dec 2014, 17:00
ސޯލް ޑިސެމްބަރު 31 -- ބޯޓުގައި ބަދަން ދިން ގޮތާ ދޭތެރޭ ހިތްހަމަނުޖެހި އަދި މައްސަލަ ހޫނުވެ، ބޯޓު ފުރުން ލަސްވި މައްސަލާގައި ކޮރެއަން އެއާލައިންގެ ކުރީގެ އެކްޒެކެޓިވް ހައްޔަރުކުރުމަށް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
ކޮރެއަން އެއާލައިންގެ ޗެއާމަންގެ ދޮށީ ދަރިކަނބަލުން އަދި އެ އެއާލައިންގެ އިންފްލައިޓް ސާވިސްގެ ކަންތައްތައް ބަލެހެއްޓި ހީތާ ޗައު ވަނީ އޭނާ އަށް ބަދަން ދިން ގޮތާ ދޭތެރޭ ހިތްހަމަނުޖެހިގެން މި މަހު 5 ވަނަ ދުވަހު، ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އެއާޕޯޓުން ފުރަފުރައި އޮތް ބޯޓުން ޗީފް ސުޓްވާޑް ބަލައިފަ އެވެ.
ޗައު، 40، ހައްޔަރު ކުރުމަށް ކޯޓުން އަމުރު ކުރީ ޕްރެސިކިއުޓަރުން އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް މިދިޔަ ހަފްތާގައި އެދިފައި ވަނިކޮށެވެ. އޭނާ ހައްޔަރު ކުރީ އޭވިއޭޝަން ގާނޫނާ އޭނާ ހިލާފުވެފައިވާ ކަމުގެ ތުހުމަތުގަ އެވެ.
އޭނާ ހައްޔަރުކޮށްގެން އެ މައްސަލަ ބެލުމަށް ކޯޓުން ހުއްދަ ދިނީ އެ މައްސަލައިގެ ވަށައިގެން ހުރި ހެކިތައް ނައްތާލައިފާނެ ކަމަށް ބެލެވޭތީ ކަމަށް ކޯޓުން ބުންޏެވެ.
އެ ބޯޓުން އެއާހޮސްޓް ބޭލީ ޑިޕާޗާ ގޭޓުން ބޯޓު ދުރުކޮށް ބޯޓު ފުރުމަށް ތައްޔާރުވެފައި ވަނިކޮށެވެ. އަދި އެ ހާދިސާ އަށް ފަހު އެބޯޓަށް ސޯލަށް ޖެއްސުނީ ކުރިން ކަނޑައެޅި ގަނޑިއަށް ވުރެ 11 މިނިޓް ފަހުންނެވެ. އަދި އެ ބޯޓުން ޗީފް ސުޓްވާޑް ބާލައި ފުރުން ލަސްވި މައްސަަލަ ކޮރެއާގެ މީޑިއާގައި ވަނީ ހޫނުވެފަ އެވެ.
ހީތާ ޗައުގެ ދެ ފަރާތުގައި ޕްރެސިކިއުޓަރުން ތިބެގެން އޭނާ ޑިޓެންޝަން ސެންޓަރަށް ހައްޔަރު ކުރަން ގެންދިޔަ އިރު މީޑިއާ އިން ކުރި އެއްވެސް ސުވާލުތަކަށް އޭނާ ޖަވާބެއް ނުދެ އެވެ. އިސްދަށަށް ޖަހައިގެން އަދި ލޯމަރައިގެން ހުރެ އޭނާ ހަމައެކަނި ބުނީ" ސޮރީ" އެވެ.
ޗައު ސަލާމަތް ކުރުމަށް އެއާލައިންގެ އޮފިޝަލުން މަސައްކަތް ކުރާ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި އެ މައްސަލައިގެ ތަހުގީގީ މައުލޫމާތުތަކެއް ލީކްވި މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓްރީ ވަނީ ހޫނުފެނަށް ވެެއްޓިފަ އެވެ. އަދި އެ މަސަލައާ ގުޅިގެން އަށް މީހަކާ ތޭދެރޭ ފިޔަވަޅު އަޅާނެ ކަަމަށް އެ މިނިސްޓްރީ އިން ހޯމަ ދުވަހު ބުނި އިރު، އެކަކު ވަނީ ހުކުރު ދުވަހު ހައްޔަރުކޮށްފަ އެވެ.