31 Dec 2014, 16:03
ރާއްޖޭގެ ސްވިމިންގް އެސޯސިއޭޝަނުން އަންނަ އަހަރުގެ ގައުމީ ސީނިއަރ ސްވިމިންގް ސްކޮޑުގައި ހިމެނޭ ފެތުންތެރިން ފައިނަލް ކުރުމަށްފަހު އިއުލާނު ކޮށްފިއެވެ.
އެ އެސޯސިއޭޝަނުން 2015 ވަނަ އަހަރުގެ ގައުމީ ސީނިއާ ސްކޮޑު އެކުލަވާލުމަށްފަހު އާންމުކޮށްފައި ވަނީ މިއަދު އެވެ. އަންނަ އަހަރުގެ ގައުމީ އަންހެން ސްކޮޑުގައި އަށް ފެތުންތެރިން ހިމެނޭއިރު، ފިރެހެން ސްކޮޑުގައި ހިމެނެނީ 11 ފެތުންތެރިންނެވެ.
އަންނަ އަހަރުގެ ގައުމީ ސީނިއާ އަންހެން ސްކޮޑުގައި ހިމެނޭ ފެތުންތެރިންނަކީ އައިމިނަތު ޝަޖަން އާއި އައިޝަތު ޚުލްވާ ޚުލައިލް، އަނާމު އަހުމަދު ސަލީމް، އައިޝަތު ސާޖިނާ، ފާތިމަތު ޒުހުރާ އިސްމާއިލް، ހަމްނާ އަހުމަދު، އައިމިނަތު ޒާނާ ޝިރާޒް އަދި އައިޝަތު ޒީބާ ހާމިދު އެވެ. އޭގެ ތެރެއިން ޚުލްވާ އާއި އަނާމު، ހަމްނާ، ޒާނާ އަދި ޒީބާ އަކީ މުޅިން އަލަށް ރާއްޖޭގެ ގައުމީ ސިނިއާ ފެތުމުގެ ސްކޮޑަށް ހޮވުނު ފެތުންތެރިންތަކެކެވެ.
އަންނަ އަހަރު ފެތުމުން ރާއްޖޭގެ ގައުމީ ސީނިއާ ސްކޮޑަށް ހޮވުނު ފެތުންތެރިންނަކީ މުބާލް އައްޒާމް އިބްރާހިމް އާއި މުހައްމަދު ނަޒްރާން ނަޒީރު، ނިޝްވާން އިބްރާހިމް، ހަސަން އަޝްރަފް، މުހައްމަދު ޒަޔާން ސަނީފް، އަބްދުﷲ ޒާހިރު، މުހައްމަދު ނައްވާރު އިބްރާހިމް، އިބްރާހިމް ޝަންމަޚް ރިޔާޒް، އާލް އުލްވާން، މުހައްމަދު މުއްތަސިމް އަދުނާން އަދި އިސްމާއިލް މުއްތަސިމް އަދްނާނު އެވެ. އޭގެ ތެރެއިން މިފަހަރު މުޅިން އަލަށް ގައުމީ ސްކޮޑަށް ހޮވުނު ފެތުންތެރިންނަކީ ޝަންމަޚް އާއި އާލް އުލްވާން އެވެ.
ރާއްޖޭގެ ގައުމީ ސީނިއާ އަދި ޖޫނިއާ ސްކޮޑަށް ފެތުންތެރިން ހޮވަން ޓްރައިލްތައް ބާއްވާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އަދި ސީނިއާ ސްކޮޑު މިހާރު ފައިނަލް ކުރެވިފައި ވާއިރު، އެ އެސޯސިއޭޝަނުން ބުނީ ގައުމީ ޖޫނިއާ ސްކޮޑް ފައިނަލް ކުރުން އަދި މުޅިން ނުނިމޭ ކަމަށާއި، ނަމަވެސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ޖޫނިއާ ސްކޮޑުވެސް އިއުލާނު ކުރެވޭނެ ކަމަށެވެ.