31 Dec 2014, 16:01
ގއ. އަތޮޅުގައި ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށެއް ކަމަށްވާ ދިގުރަށުގައި މަސައްކަތް ކުރަމުން އަންނަ 72 ބިދޭސީއަކަށް ކާނާ ވިހަވުމުގެ މައްސަ ކުރިމަތިވެގެން ފަރުވާ ދީފިއެވެ.
ގއ. އަތޮޅު ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވިދާޅުވީ ކާނާ ވިހަވެގެން ދިގުރަށުން އެ ހޮސްޕިޓަލަށް ގެނައި 48 މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަދި ބުނީ އެ އެންމެން ވެސް ފަރުވާ ދިނުމަށް ފަހު މިއަދު ދޫކޮށްލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
"... ސީރިއަސް އެއްވެސް ކަމެއް ނެތް، އެންމެންނަށް ވެސް ހަވީރު 4.30 އެހާކަށް ހާއިރު ފަރުވާދީ ނިންމައިލެވޭނެ ކަމަށް ގަބޫލުކުރެވެނީ،" ގއ. އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކާނާ ވިހަވެގެން ގެނައި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކުޑަކޮށް އޮބްޒާވް ކޮށްލަން ޖެހޭ ފަސް ވަރަކަށް މީހުން އެބަ ތިބި ކަމަށެވެ.
އަތޮޅު ހޮސްޕިޓަލްގެ އިތުރުން އެއަތޮޅު މާމެންދޫއަށް ވެސް ވަނީ ދިގުރަށުން 24 މީހަކު ކާނާވިހަވެގެން ގޮސްފަ އެވެ. މާމެންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ އެތަނަށް ގެނައި މީހުންނަށް ފަރުވާދެމުން އަންނަ ކަމަށާއި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
ކާނާ ވިހަވެގެން ގއ. އަތޮޅު ހޮސްޕިޓަލަށާއި މާމެންދޫ ސިއްހީ މަރުކަޒަށް ގެންދިޔަ މީހުންގެ ތެރޭގައި ދިވެއްސަކު ނުހިމެނެއެވެ.