31 Dec 2014, 15:46
މ. މުލީ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މުލީ ކައުންސިލްގެ ރައީސް އަހުމަދު ނާފިޒު މިއަދު 'ސަން' އަށް ވިދާޅުވީ މުލީގައި ބިންހިއްކުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތް ކުރުމުގައި ކުދި ކުދި މައްސަލަތައް ދިމާވާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ބިންހިއްކުމަށް ބޭނުންވާ ވެލި ލިބުމުގައި ދަތިތަކެއް ހުރުމުން އަކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުދާކަމަށް އޭނާ ވިދާޅުވިއެވެ.
މުލީގެ ބިންހިއްކުން ހަވާލުކޮށްފައިވާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓުރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އެ މަސައްކަތް ސަބް ކޮންޓްރެކްޓެއްގެ ދަށުން މެލޭޝިޔާގެ ކުންފުންޏަކާ މިއަހަރުގެ ސެޕްޓެމްބަރު މަހު ވަނީ ހަވާލުކޮށްފަ އެވެ.

މުލީގައި ހިއްކާ ސަރަހައްދުގައި ކުރާނެ އަދި ވަކި ކަމެއް ހަމަޖެހިފައި ނުވާއިރު، އެކަން ހަމަ ޖައްސާނީ ހައުސިންްގް މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ކައުންސިލްގެ ރައީސް ނާފިޒު ވަނީ ވިދާޅުވެފަ އެވެ.
"ކައުންސިލާ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް އެސަރަހައްދަން ބަދަލުވާން ބޭނުންވާ އާއިލާތަކަށް ފުރުސަތު ދެއްވުން، އެތަނުގައި ދިރިއުޅެން،" ނާފިޒު ވިދާޅުވި އެވެ.
މުލީ ބިންހިއްކުމުގެ މަސައްކަތް މެލޭޝިއާގެ ކުންފުންޏާ ހަވާލުކުރީ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮަތަށް 99 މިލިއަން ރުފިޔާ އަށް މިދިޔަ ސެޕްޓެމްބަރު މަހު އެވެ.