31 Dec 2014, 15:33
ސްރިލަންކާގައި ކުރިއަށް ގެންދާ "މޯލްސްޑިވްސް ސްރިލަންކާ ފްރެންޑްލީ ބާސްކެޓްބޯލް ޓޯނަމަންޓް" ގައި ބައިވެރިވުމަށް އިސްކަންދަރު ސްކޫލުގެ 16 އަހަރުން ދަށުގެ އަންހެން ބާސްކެޓްބޯޅަ ޓީމް ފުރައިފިއެވެ.
އިސްކަންދަރު ސްކޫލުން ބުނި ގޮތުގައި އެ ދަތުރުގައި ބައިވެރިވެފައި ވަނީ އެ ސްކޫލްގެ ބާސްކެޓް ޓީމުގެ 14 ކުޅުންތެރިންނާއި 14 އޮފިޝަލުންނެވެ. އަދި އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ޓީމާއެކު އެ ދަތުރުގައި ބައިވެރިވީ ތަޖުރިބާކާރު ބާސްކެޓް ކުޅުންތެރިޔާ މުހައްމަދު ޒިލާލް ކަމަށްވެސް އެ ސްކޫލުން ބުންޏެވެ.
އިސްކަންދަރު ސްކޫލުން ބުނީ އެ މުބާރާތުގައި އެ ސްކޫލްގެ ބާސްކެޓް ޓީމް ބައިވެރިވީ ޓީމުގެ ކުޅުންތެރިންނަށް އިތުރު ތަމްރީނުތަކެއް ހޯދަދީ، ޓީމަށް ކުރިއެރުން ހޯދަދިނުމަށް ކަމަށެވެ. ލަންކާގެ ފަސް ކޮލެޖަކުންވެސް ބައިވެރިވެފައިވާ އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހުން ހަވަނަ ދުވަހަށެވެ.
އެ މުބާރާތުގައި ބައިވެރިވުމަށް ޓީމް ކުރާ ދަތުރުގައި އެ ސްކޫލްގެ މެނޭޖްމަންތާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައި ވާކަމަށް އެ ސްކޫލުން ވަނީ ބުނެފައެވެ. އަދި އެކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ޓީމަށް ލިބިފައި ވަނީ މައިލޯ އާއި ވީބީ ބްރަދާސް އަދި އެންޒީގެ ފަރާތުން ކަމަށްވެސް އެ ސްކޫލުން ވަނީ ބުނެފައެވެ.