ކުރިން ޖަރުމަނާއި އޮސްޓްރިއާގައި ވެރިކަން ކުރި ނާޒީން އެޓޮމިކް ބޮން އުފެއްދަން ބޭނުންކޮށްފައިވާ ބިންގަރާސްތަކަކާއި ހޮހޮޅަތަކާއި ފިލްމު އުފައްދާ މީހަކަށް އޮސްޓްރިއާ އިން ފެނިއްޖެ އެވެ.

ބިންގަރާސްތަކާއި ހޮހޮޅަތައް ފެނިފައި ވަނީ އޮސްޓްރިއާ ސިޓީގެ ލިންޒްގެ ކުޑަ އަވަށެއް ކަމަށްވާ ގިއޯގެން އެން ޑެ ގޫޒެންގެ ބޭރު ސަރަހައްދަކުންނެވެ. ރޭޑިއޭޝަން ޓެސްޓުކެއް ހަދައިގެން އެތަނުގެ ފުރިހަމަ ލޮކޭޝަން ހޯދައި ބެލި އިރު އެފަދަ އެހެން ސަރަހައްދުތަކަށް ވުރެ އެތަނުން ރޭޑިއޭޝަން ބޭރުވާވަރު އިތުރުކަން ވަނީ އެނގިފަ އެވެ.

ދަ އިންޑިޕެންޑެންޓް ނޫހުން ބުނީ އެތަން އިތުރަށް ބެލުމުގައި އިސްކޮށް އުޅޭ ފިލްމު އުފައްދާ މީހާ އަންދްރެސް ސޫލްޒާ އަށް، " 1944 ހޮހޮޅަތައް ހުރި ސަރަހައްދުގައި ސިއްރު ހަތިޔާރުތަކެއް ހުންނާނެކަމަށް" ބުނެ އެމެރިކާގެ ޖާސޫސަކު ލިޔެފައިވާ ރިޕޯޓެއް ފެނިފައިވެ އެވެ.

ބިންގަރާސްތަކަކީ އެސަރަހައްދުގެ ކައިރީގައި ނާޒީން ހިންގި ކޭމްޕެއްގައި އަޅުވެތިކޮށްގެން ގެންގުޅުނު ބަޔަކު ލައްވާ މަސައްކަތް ކުރުވައިގެން ހަދާފައިވާ ތަންތަނެވެ.

ބެލެވޭ ގޮތުގައި 75 އޭކަރަށް ދެމިގެންދާ އެހޮހޮޅަތަކުން އެއްބައި ބާޣްކްރިސްތަލް ފެކްޓްރީ އާ ގުޅިފައިވާނެ އެވެ. އެ ފެކްޓްރީއަކީ ފުރަތަމަ ޖެޓް ޕަވާ ބޭނުންކޮށްގެން ފައިޓާ ޕްލޭން އެއް އުފެއްދި ފެކްޓްރީ އެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އެފެކްޓްރީ އިންސްޕެކްޓުކޮށްފައިވާ އިރު ވެސް އެތަނުން އެއްވެސް ކަހަލަ ސިއްރު ހޮހޮޅައެއް ފެނިފައެއް ނުވެ އެވެ.

ސަންޑޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ދެމުން ސޫލްޒާ ބުނެފައި ވަނީ އެ ތަނަކީ ހަތިޔާރު ފޮރުވުމަށް ހަދާފައިވާ އެންމެ ބޮޑު އެއް ތަނަށް ވެދާނެ ކަމަށެވެ. އެތަން ބަލައި ފާސްކުރި ފުލުހުންނަށް އެތަނުގެ ތެރެއިން ގިނަ އަދަދެއްގެ ތާރީހީ ތަކެތި ވަނީ ފެނިފަ އެވެ. އެތަނުގައި މަސައްކަތްކުރަން ގެންގުޅުނު އަޅުންތައް ބިމުއަޑީގައި މަސައްކަތް ކުރަން ޖެހުމުން 320،000 ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ތާރީހީ ތަނަކަށް ވުމުން ފުލުހުންނަށް އެތަން އިތުރަށް ބަލައި ދިރާސާ ކުރުމުގެ ހުއްދަ ނެތުމުން އެމީހުންގެ މަސައްކަތް ވަނީ މިދިޔަ ހަފްތާގައި ހުއްޓާލާފަ އެވެ. ނަމަވެސް އެމީހުންގެ މަސައްކަތް އަލުން ފެށޭނެ ކަމަށް ސޫލްޒާ ބުނެފައިވެ އެވެ.