ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް (ރިޓަޔާޑް) ޕަރުވޭޒް މުޝައްރަފު ވެރިކަމުގައި ހުންނެވި އިރު އޭނާ އަވަހާރަކޮށްލަން އުޅުނުކަމުގެ ކުށް ސާބިތުވެފައިވާ މީހަކަށް ޕާކިސްތާނު ސަރުކާރުން މިއަދު މަރުގެ އަދަދު ދީފި އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ ޕާކިސްތާނުގެ ވައިގެ ސިފައިންގެ ޓެކްނީޝަނެއްގެ ގޮތުގައި ކުރިން މަސައްކަތްކޮށްފައިވާ ނިޔާޒް މުޙައްމަދު ދަންޖައްސައި މަރައިލީ ޕެޝާވަރުގެ މަރުކަޒީ ޖަލުގައި ކަމަށެވެ. ނިޔާޒުގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ 2003 ވަނަ އަހަރު ރާވަލް ޕިންޑީގައި މުޝައްރަފު އަވަހާރަކޮށްލަން މަސައްކަތް ކުރިކަމުގެ ކުށެވެ.

ނިޔާޒު ދަންޖެއްސުމުގެ ކުރިން ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ވަނީ ޕެޝާވަރުގެ މަރުކަޒީ ޖަލު ހުންނަ ސަރަހައްދަށް އެއްގަމު އުޅަނދު ވަނުން މަނާކޮށް، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

މުޝައްރަފު މަރައިލަން މަސައްކަތް ކުރިކަމަށް ސާބިތުވެފައިވާ މީހަކަށް މިއަދު މަރުގެ އަދަބު ދީފައިވާ އިރު، މުޝައްރަފުގެ މައްޗަށް ކުރެވިފައިވާ މީހުން މެރުމުގެ ތުހުމަތުތައް އަދި ވަނީ ތަހުގީގު ނުކުރެވި އެވެ. ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރާ ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލުމާއި ގަބީލާއެއްގެ ވެރިއެއް ކަމަށްވާ އަކުބަރު ބުގްތީ މަރައިލުމުގެ ފަހަތުގައި ހުރިކަމުގެ ތުހުމަތު މުޝައްރަފަށް ތުހުމަތު ކުރެވިފައިވެ އެވެ. އެމައްސަލަތަކުގައި އޭނާ ހައްޔަރު ކުރުމަށް ޕާކިސްތާނުގެ ކޯޓަކުން 2013 ވަނަ އަހަރު އަމުރުކުރި އެވެ. އެ އަމުރާ ގުޅިގެން ހައްޔަރުކޮށްފައި ހުއްޓާ ކަފާލާތުގެ ދަށުން އޭނާ ވަނީ ފަހުން މިނިވަންވެފަ އެވެ.