އައްޑޫގައި ސިޓީ ކައުންސިލް އިންތިހާބު އިލެކްޝަންސް ކޮމިޝަނުން ރާވާފައިވާ އޮތް ގޮތަށް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ފަޔާޒް ހަސަން ވިދާޅުވީ އައްޑޫގައި ސިޓީ ކައުންސިލް އިންތިހާބު ބޭއްވުމަށް އެ ކޮމިޝަނުން ދިޔައީ މާ ކުރިން ވެސް ރާވަމުން ކަމަށެވެ. އަދި އެ އިންތިހާބު ނުބޭއްވުމަށް ނިންމާފައި އޮއްވައި ސުޕްރީމް ކޯޓުން މިރޭ ކުރި އަމުރާ އެކު އިންތިހާބު ބޭއްވުމަށް ނިންމެވި ނަމަވެސް އިންތިހާބު ބޭއްވުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ފަޔާޒް ވިދާޅުވި އެވެ.

އައްޑޫގައި ބާއްވާނީ ސިޓީ އިންތިހާބެއްތޯ ސުވާލު ކުރުމުން ފަޔާޒް ވިދާޅުވީ އިންތިހާބު ބާއްވާނީ "ގާނޫނުގައިވާ ގޮތަށް" ކަމަށެވެ. އަދި ބާއްވާނީ ސިޓީ ކައުންސިލް އިންތިހާބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ މާދަމާ "ލޯކަލް ކައުންސިލްތަކުގެ އިންތިހާބު" ބޭއްވުމަށެވެ. އައްޑޫގައި ސިޓީ އިންތިހާބު ބޭއްވުމަށް އެ އަމުރުގައި ބުނެފައެއް ނުވެ އެވެ. އަދި އައްޑޫ ސިޓީ ކައުންސިލް އުފެއްދުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާފައިވާ ޝަރުތުތައް ސިވިލް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި ކުރިން ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ ސިޓީއެއް އުފެއްދޭނީ ސިޓީއެއް އުފެއްދުމަށްޓަކައި ޝަރުތުތަކެއް ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅައިގެން ކަމަށެވެ.