06 Apr 2010, 15:14
19:00
އއ. ހިމަންދޫގެ ހަމަނުޖެހުމާ ގުޅިގެން ހަ އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި މީހަކު، ޖަލަށް ގެންދަނިކޮށް ސައިކަލެއްގައި ދިޔަ މީހަކު އެ ކުށްވެރިއާ ގޮވައިގެން ފިލުމުން، ފުލުހުން ނުކުމެ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ހިންމަންދޫ މައްސަލާގައި ކުޑަކުދިންނާ ބެހޭ ކޯޓުން ހަ އަހަރަށް ޖަލަށް ލުމަށް ހުކުމްކުރުމަށް ފަހު، މާލޭ ޖަލަށް ގެންދިޔަ މީހަކު ފިލައިފައި ވަނީ އިއްޔެ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުންގެ މީޑިއާ އޮފިޝަލެއް ނުދެއްވަ އެވެ. އަދި އޭނާގެ ފޮޓޯވެސް ފުލުހުން އާއްމުކޮށްފައެއްނުވެ އެވެ.
ކުޑަކުދިންނާ ބެހޭ ކޯޓުގެ ލީގަލް އޮފިސަރަކާ ހަވާލާދީ ދުވަހު ނޫހެއްގައި ބުނެފައި ވަނީ ހިމަންދޫގެ މައްސަލާގައި ހަ އަހަރަށް ޖަލަށް ލުމަށް އެކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ ހިމަންދޫ، ރޯޒްހައުސް، އުމުރުން 18 އަހަރުގެ ހުސައިން ނިޝާން ކަމަށާއި ހުކުމްކުރުމަށްފަހު އޭނާ ފުރަތަމަ ގެންދިޔައީ ޑީޕީއާރުއެސްއަށް ކަމަށެވެ. އަދި އޭނާ ފިލާފައި ވަނީ ޑީޕީއާރުއެސްގެ އެދުމުގެ މަތިން އޭނާ ޖަލުގެ އޮފިސަރަކާ އެކު މާލޭ ޖަލަށް ގެންދަނިކޮށް، ސައިކަލެއްގައި ދިޔަ މީހަކާއެކު ކަމަށްވެސް ކޯޓު އޮފިޝަލާ ހަވާލާދީ އެނޫހުގައި ލިޔެފައިވެ އެވެ. އަދި އެކަމުގައި ޑީޕީއާރުއެސް ޒިންމާވާންޖެހޭ ކަމަށް ވެސް ކޯޓު އޮފިޝަލާ ހަވާލާދީ އެނޫހުގައި ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ކުޑަކުދިންގެ ކޯޓުގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.
ހުސައިން ނިޝާން ފިލައިފައިވާ ކަމަށް ފުލުހުންގެ ބުނި ނަމަވެސް ޑީޕީއާރުއެސްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ ހަ އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ކުށްވެރިއަކު ފިލާފައިވާ ކަމުގެ މައުލޫމާތު އެފަރާތަށް ލިބިފައިނުވާ ކަމަށާއި އަދި ކުށްވެރިއަކު ޑީޕީއާރުއެސްއާ ހަވާލުކޮށްފިނަމަ އެކަން އެފަރާތަށް ވެސް އެނގޭނެ ކަމަށެވެ. ރަޝީދު އަދި ވިދާޅުވީ ކޯޓުން ހުކުމެއް ކޮށްފިނަމަ، އެކަން ޑީޕީއާރުއެސް އެންގުމުން އެ ކުށްވެރިއަކު އެފަރާތުން ޖަލަށް ގެންދާނީ އެ ފަރާތުގެ ވެހިކަލްގައި ކަމަށެވެ.