31 Dec 2014, 14:59
އެއީ އުމުރުން 68 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ބ. ފެހެންދޫ ދާއޫދު އަހުމަދެވެ. އެކަނިމާ އެކަނި ދިރިއުޅެމުންދާތާ އެތައް ޒަމާނެއް ވަނީވެފަ އެވެ. ނަމަވެސް މިއަދު އޭނާ އަށް އެކަނި އުޅެވޭ ވަރަށް ވުރެއްމާ ބަލި ވަނީ ބޮޑުވެފަ އެވެ. މުސްކުޅިވެ ބަލި އެނދުގައި އޮންނަންޖެހިފަ އެވެ. ހިތާމައަކީ މިހާލު ޖެހުނު އިރު އަޅާލާނެ މީހަކު ނެތުމެވެ.
ދާއޫދުގެ ރަން ޒަމާނުގައި އޭނާ ވަނީ ދެތިން ކައިވެނި ވެސް ކޮށްފަ އެވެ. އެކައިވެއްޏަށް ފިރިހެން ދަރިޔަކު ލިބިފައިވާ އިރު އޭނާ އަކީ ރަނގަޅު ވަޒީފާގައި އުޅޭ ކުއްޖެއް ކަމަށް ފެހެންދޫ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި އެވެ. އެޮފިޝަލް ވިދާޅުވި ގޮތުގައި އެ ދަރިފުޅާއި ދާއޫދާއި ގުޅުމެއް ނޯވެ އެވެ. އަދި ދާއޫދު ބަލިވެގެން އޭނާގެ ދަރިފުޅަށް އެކަން އަންގަން މަސައްކަތް ކުރި ނަމަވެސް އޭނާއާ ގުޅޭ ގޮތެއް ނުވާކަމަށް ވިދާޅުވި އެވެ.
"ދާއޫދަކީ އެކަނި މާއެކަނި އޭނާގެ ގޭގައި އުޅޭ މީހެއް، ދެން ކައި ހަދަނީ ވެސް ފިހާރައަކުން ޕެކެޓެއް އެއްޗެއް ގަނެގެން، މީގެ ކުރިން ހިނގާލާފައި އަތިރިމައްޗަށް ނުކުމެލައި އުޅޭ އެކަމަކު މިހާރު މާ ބަލިކޮށް އުޅެނީ،" ފެހެންދޫ ކައުންސިލްގެ އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އޭނާ ބަލަހައްޓައި ކާންދެނީ ކައުންސިލުންނާއި ރަށުގެ ރައްޔިތުންނެވެ. ޒަރޫރީ ބޭނުންތަކަށް ހަރަދު ކުރަނީ ދުވަސްވީ މީހުންނަށްދޭ އިނާޔަތުންނެވެ. އަދި އޭނާގެ ތިމާގެ މީހުން އެރަށުގައި ތިބި ނަމަވެސް އޭގެން އެކަކު ވެސް އޭނާއާ ގުޅުމެއް ނޯންނަ ކަމަށާއި އޭނާ އަށް އެކަނި ހާލުގައި ނޫޅެވޭއިރު އޭނާ ބަލާނެ މީހަކު ނެތް ކަމަށް ވިދާޅުވި އެވެ.
"ދުވަސްވީމާ ލިބޭ 5000 ރުފިޔާ ވެސް ލިބޭ. އެ ފައިސާ ބޭނުންކޮށް ހަދާނީ ވެސް އޭނަ، އެކަމަކު މިހާރު ދުވަސް ކޮޅެއްވެއްޖެ ބަލިހާލުގައި އުޅޭތާ،" ފެހެންދޫ ކައުންސިލްގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ބަލިވެ އުޅޭތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްވެފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފެހެންދޫ ކައުންސިލުން މައުލޫމާތު ދިންގޮތުގައި އޭނާ ޑޮކްޓަރަށް ދެއްކުމަށް އެރަށާ ކައިރި ރަށަކަށް ގެންދިއުމަށް ކައުންސިލުން މަސައްކަތް ކުރަމުންދެ އެވެ. އަދި އޭނާ އަށް ދާއިމީކޮށް އަޅާލައި ބަލަހައްޓާނެ ފަރާތަކާއި ހަވާލުކުރުމަށް ޖެންޑާ މިނިސްޓްރީއާ ހަވާލު ކުރުމަށް އެދިފައިވީ ނަމަވެސް އަދި އެކަމުގެ އަލިމަގެއް ފެނިފައިނުވާ ކަމަށް ކައުންސިލުން ބުންޏެވެ.
އެ މައްސަލާގައި ޖެންޑާ މިނިސްޓްރީގެ ބަހެއްވަނީ އަދި ލިބޭ ގޮތްނުވެފަ އެވެ.