31 Dec 2014, 14:47
އަންނަ އަހަރަކީ ޔުނައިޓަޑްގެ ސަޕޯޓަރުން ހަނދާނުން ފިލައިގެން ނުދާނެ ފަދަ އަހަރަކަށް ހަދާނެ ކަމަށް މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ވެން ހާލް ބުނެފިއެވެ.
ވެން ހާލް ބުނީ މިއަހަރު ސީޒަން ފެށިއިރު ޔުނައިޓަޑަށް ފާހަގަ ކުރެވޭ ކާމިޔާބީތަކެއް ހޯދިފައި ނުވިނަމަވެސް އެ ޓީމް އަންނަނީ ހަފްތާއަކަށްވުރެ ހަފްތާއެއް ރަނގަޅު ވަމުން ކަމަށެވެ. އަދި ޓީމް އަދިވެސް އޮތީ އިތުރަށް ރަނގަޅު ވުމުގެ މަރުހަލާއެއްގައި ކަމަށާއި، ޔުނައިޓަޑް ކުރިއަށް އޮތްތާ އަދިވެސް ކުޅުން ރަނގަޅު ކުރާނެ ކަމަށްވެސް ވެން ހާލް ބުންޏެވެ.
"ކޮންމެ ހަފްތާއަކުވެސް ޓީމްގެ ކުޅުން އިތުރަށް ރަނގަޅު ވަމުން އަންނަނީ. ޓީމްގެ ކުޅުންތެރިންނަށް ޓީމްގެ ފިލޯސޮފީ މިހާރު އަންނަނީ ނަގައިގަނެވެމުން. ޓީމް ކުރިއަރަމުން އަންނަ އެންމެ ބޮޑު ސަބަބަކީވެސް އެއީ. އެކަމަކު ޓީމަށް އެންމެ ބޮޑު ކުރިއެރުމެއް ލިބޭނީ ޓީމްގެ ހުރިހާ ކުޅުންތެރިން ހަމަވުމުން،" ވެން ހާލް ބުންޏެވެ.
ވެން ހާލް ބުނީ މި ސީޒަންގައި ޓީމްގެ ސަޕޯޓަރުން ޓީމަށް ދިން ސަޕޯޓު ވަރަށް ފާހަގަ ކޮށްލެވޭ ކަމަށާއި، އެ ސަޕޯޓު ޓީމަށް ލިބިގެން ދިޔަ އެންމެ ބޮޑު ސަބަބަކީ ހިތްވަރު އެލުވާނުލައި ޓީމްގެ ކުޅުންތެރިން ކުރި މަސައްކަތް ކަމަށެވެ. އަދި ޓީމް ކުޅުނު މެޗުތަކުގައި އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ކުޅުންތެރިން ރަނގަޅު ކުޅުމެއް ދައްކާފައި ވާކަމަށާއި، މިހާރު ޓީމް އޮތް ހިސާބާ މެދު ހިންހަމަޖެހެ ކަމަށްވެސް ވެން ހާލް ބުންޏެވެ.
"ސީޒަންގެ ކުރީކޮޅު 10 މެޗު ކުޅުނު އިރު ޓީމް އޮތީ 13 ޕޮއިނާޓާއެކު. އެއީ ރަނގަޅު ނަތީޖާއެއް ނޫން. ނަމަވެސް މިހާރު ޓީމް ވަނީ 36 ޕޮއިންޓާއެކު ތާވަލްގެ ތިންވަނަ ހޯދާފަ. އެހެންކަމުން މިހާރު ޓީމް އޮތް ހިސާބާމެދު ހިންހަމަޖެހޭ. މިހާރު ޔުނައިޓަޑުން ދަނީ މަޑުމަޑުން ޓީމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރަމުން. 2015 ވަނަ އަހަރުގެ ނަތީޖާ މިހާރު މި ކްލަބަށް ވަރަށް ސާފު،" ވެން ހާލް ބުންޏެވެ.
އަންނަ އަހަރުގެ ފުރަތަމަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ސްޓޯކް ސިޓީ އާއި ޔުނައިޓަޑް ބައްދަލުކުރަން ހަމަޖެހިފައި ވާއިރު، ވެން ހާލް ވަނީ ކައިރި ކައިރީގައި އޭނާގެ ޓީމް މެޗުތައް ކުޅެން ޖެހުމުން އެކަމާމެދު ހިންހަމަނުޖެހުން ފާޅު ކޮށްފައެވެ. އަދި އެ މެޗަށް އެ ޓީމްގެ ޑި މާރިއާ އާއި ހެރޭރާ ފިޓުވާނެ ކަމަށް ލަފާކުރެވޭއިރު، ފެލާނީ އާއި ރޯޖޯ އަދި ބްލައިންޑްއަށް އެ މެޗުގައި ނުކުޅެވޭނެ ކަމަށް ވަނީ ހަބަރުތައް ލިބިފައެވެ.