31 Dec 2014, 14:42
ހދ. ކުރިނބީގެ ކުރިމަގު ޖަމްއިއްޔާ އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް ބާއްވަމުން އަންނަ "ދޮން އީސަ ކަޕު"ގެ ޗެމްޕިއަންކަން ޓީމް ޔުނައިޓެޑް އެކްސް ހޯދައިފިއެވެ.
މިމަމުގެ 22 ގައި ފެށި އެ މުބާރާތުގައި ޖުމްލަ ތިން ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ ޔުނައިޓެޑް އެކްސް އާއި ޓާގެޓް އަދި ވިންސްޓާ އެވެ.
މުބާރާތުގެ އިއްޔެ ކުޅުން ފައިނަލް މެޗުން ޔުނައިޓެޑް އެކްސް މޮޅުވީ ޓަގެޓް އާ ބައްދަލުކުރި މެޗުން 1-0 ލަނޑުންނެވެ. އެމެޗުގެ ހަމައެކަނި ލަނޑު ޖެހީ ޔުނައިޓެޑް ޓީމުގެ ކުޅުންތެރިޔާ މުހައްމަދު އާދަމް (ކުއްޑޭ) އެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އޭނާ އެވެ.
މުބާރާތުގެ އެންމެ މޮޅު ފޯވާޑަކަށް ހޮވީ ވިންސްޓާގެ ކުޅުންތެރިޔާ އަހުމަދު ފަޔާޒް (އާޕްތީ) އެވެ. އެންމެ މޮޅު މިޑްފީލްޑަރަށް ޓާގެޓުގެ އަބްދުﷲ ނަޝީދު (އައްވޯ) ހޮވިފައިވާއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީވެސް އޭނާއެވެ.
އެރަށުގައި މިއަހަރު ބޭއްވި 10 ދޮން އީސަ ކަޕަކީ 10،000 ރުފިޔާގެ ކަޕެކެވެ. މި މުބާރާތަށް ފައިސާގެ އިނާމު ހުށައަޅާފައިވަނީ ކައުންސިލް މެމްބަރު އަބްދުﷲ ވަސީމް އާއި ފާއިމަތު އިނާޔާގެ އިތުރުން ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސިޔާހުގެ އަދި ކައުންސިލްގެ ރައީސް އަހުމަދު މުޖުތަބާއެވެ.